ބޮލީވުޑް

ޕާކިސްތާނުން "ވީރޭ ދި ވެޑިން" މަނާކޮށްފި

ލީޑް ރޯލްގައި ބަތަލާ ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރު އަދި ސްވަރާ ބާސްކަރް އާއި ޝިކާ ޓަލްސާނިއާ ފެނިގެންދާ "ވީރޭ ދި ވެޑިން" މާދަމާ ރިލީޒް ކުރާނެ އެވެ.

ޒަމާނީ ހަތަރު އެކުވެރިއެއްގެ ގާތްގުޅުން ފެނިގެންދާ މި ފިލްމު އިންޑިއާގެ އިތުރުން ދުނިޔޭގެ ބައެއް އެހެނިހެން ގައުމުތަކުގައި ވެސް މާދަމާ ދައްކަން ފަށާނެ އެވެ. ކުރިން އަވަށްޓެރި ޕާކިސްތާނުގައި މި ފިލްމު ދައްކާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް އެ ގައުމުގެ ސެންޓްރަލް ބޯޑް އޮފް ފިލްމު ސެންސާއިން ވަނީ ފިލްމު ދެއްކުން މަނާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން "ވީރޭ ދި ވެޑިން" ޕާކިސްތާނުގައި ދެއްކުން މަނާކުރީ އެ ފިލްމުގައި ބޭ އަދަބީ ބަހުން މުއާމަލާތް ކޮށްފައިވާތީ އެވެ. ސެންސަރު ބޯޑުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން މި ފިލްމު އެ ގައުމުގައި ދެއްކުން މަނާ ކުރުމުން ފިލްމު ދެއްކުމަށް އެދުނު ޑިސްޓްރިބިއުޓަރުން ވެސް ވަނީ އެމީހުންގެ އެޕްލިކޭޝަންތައް އަނބުރާ ގެންގޮސްފަ އެވެ.

"ވީރޭ ދި ވެޑިން" ގެ ޓްރެއިލާ

ސެންޓްރަލް ބޯޑުން މި ފިލްމު ދެއްކުން މަނާ ކުރިޔަސް، ޕާކިސްތާނުގެ ސިންދް ފިލްމު ސެންސަރުން ވަނީ ފިލްމުގެ ބައެއް މަންޒަރުތައް ކެނޑުމަށްފަހު ދެއްކުމުގެ ހުއްދަދީފަ އެވެ. އަދި ސެންޓްރަލް ބޯޑުގެ ނިންމުމާ އެއްގޮތަށް ޕަންޖާބު ފިލްމު ބޯޑްސްއިން ވެސް ވަނީ އެ ސްޓޭޓުގައި މި ފިލްމު ދެއްކުން މަނާކޮށްފަ އެވެ.

އިންޑިއާގައި މި ފިލްމަށް ލިބިފައިވަނީ އެޑަލްޓް ސެޓްފިކެޓެވެ.

ޝަޝަންކް ގޯޝް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ފެނިގެންދާނީ ހަތަރު އެކުވެރިއެއްގެ މެދުގައި އޮންނަ ގާތްގުޅުމެވެ. ކައިވެނީގެ އިތުރުން ދިރިއުޅުމާ މެދު އެމީހުން ދެކޭ ތަފާތު ގޮތްތައް ވެސް ފެނިގެންދާނެ އެވެ.

މި ފިލްމުގެ ހާއްސަ ސްކްރީނިންއެއް ރޭ ވަނީ ބޮލީވުޑްގެ ތަރިންނަށް ބާއްވާފަ އެވެ. މަޝްހޫރު ތަރިންނާއި ޑައިރެކްޓަރުން އަދި ޕްރޮޑިއުސަރުން ފިލްމަށް ވަނީ ތައުރީފު އޮއްސާލާފަ އެވެ.