ބޮލީވުޑް

ކަރީނާ ވިހާ ގަދަވުމުން "ވީރޭ ދީ ވެޑިން 2" ފަށަނީ

ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރު އަދި ސްވާރާ ބާސްކަރް އާއި ސިކާ ތަލްސާނިއާ މުހިއްމު ރޯލުތަކެއް ކުޅެފައިވާ "ވީރޭ ދީ ވެޑިން" އަކީ ބޮކްސް އޮފީހުގައި ވަރަށް ރަނގަޅު ކާމިޔާބެއް ހޯދި ފިލްމެކެވެ. ފިލްމު ރިލީޒްކުރިތާ ދެ އަހަރު ފުރުން ފާހަގަ ކުރުމާ ދިމާކޮށް ފިލްމު އުފެއްދި ފަރާތުން ވަނީ މީގެ ސީކުއަލް އެއް ނުވަތަ ދެ ވަނަ އެއް އުފައްދަން އުޅޭކަން އިއުލާން ކޮށްފަ އެވެ.

"ވީރޭ ދި ވެޑިން" ޕްރޮޑިއުސްކުރީ ސޯނަމް އާއި އޭނާގެ ކޮއްކޮ ރިއާ ކަޕޫރެވެ.

ފިލްމުގެ މައުލޫމާތު އެނގޭ މީހަކު އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި މި ފިލްމުގެ ދެވަނަ ބައިގައި ވެސް ހަރަކާތްތެރިވާނީ ހަމަ ފުރަތަމަ ފިލްމުގައި ބައިވެރިވިން ތަރިންކަން ގާތްގަނޑަކަށް ޔަގީންވާ ކަމަށެވެ.

"ވީރޭ ދީ ވެޑިން"ގެ ޝޫޓިން ފެށިއިރު އިރު ކަރީނާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ އެވެ. ބަނޑުބޮޑު ނަމަވެސް ކަރީނާ ވަނީ އެ ފިލްމުގެ މަސައްކަތް ފުރިހަމަ ކޮށްދީފަ އެވެ. ނަމަވެސް މިފަހަރުގެ ފިލްމު ފަށަން ޕްރޮޑިއުސަރުން ރާވަމުންދަނީ ކަރީނާ ވިހާ ގަދަވީމަ އެވެ.

ތަންކޮޅެއް ކުރިން ސޯނަމް ދީފައިވާ އިންޓަވިއު އެއްގައި "ވީރޭ ދީ ވެޑިން"ގައި ހަރަކާތްތެރިވި ހަތަރު ބަތަލާއިންގެ ގުޅުން ވަރަށް ގޯސް ކަމަށް ދެކެވުނު ވާހަކަ ތަކަށް ވެސް ޖަވާބު ދީފައި ވެއެވެ.

"އަހަރެމެން އެކަކު އަނެކަކަށް ތަޅާ، ވަކި އަޅާ، އަރާރުންވާ ކަމަށް ހީވާނަމަ އެ ހީކުރާ ބަޔަކަށް ބުނެލަން އޮތީ ހަމަ އެކަނި ސޮރީ އޭ. އެ ފަދަ އެއްވެސް ކަމެއް އަހަރެމެންގެ މެދުގައި ނުހިނގަޔޭ. އަހަރެމެން އެންމެން އެކަކު އަނެކަކާ ވަރަށް ގުޅިގެން މަޖާޚޮށް އުޅުނީ ޝޫޓިން ނިމެންދެން ވެސް،" ސޯނަމް ބުންޏެވެ.

ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާއިރު ދެ ވަނަ ފިލްމު ފެށޭނީ ފުރަތަމަ ފިލްމު ނިމުނު ހިސާބުން ކަމަށް ވަނީ ބެލެވިފަ އެވެ. މިފަހަރުގެ ފިލްމުގައި ބޮޑަށް ބަލާނީ ހަތަރު އަންހެނުންގެ ލޯބީގެ ގުޅުމުގެ މައްޗަށް ކަމަށް ވަނީ ބެލެވިފަ އެވެ.