ހަބަރު

"ފުލުހުން ގެންދިޔަ ފޮށިތަކުގައި ހުންނާނީ ވޯޓެއްް ނޫން"

May 31, 2018
9

އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާއާ ސައްހަ ވާނެ ކަމަށާއި ފުލުހުން ގެންދިޔަ ގިނަ ފޮށިތަކުގައި ހުންނާނީ ވޯޓު ކަރުދާހެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގް ޕްރައިމަރީ ކުރިޔަށް ގެންދިޔުމަށް ފުރުސަތު ނުދޭން ސިވިލް ކޯޓުން ހުކުމެއްކޮށްފައި ވަނިކޮށް ވެސް އެ ޕާޓީ އިން އިއްޔެ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވާ ރިޔާސީ ޕްރައިމަރީ ބާއްވާފަ އެވެ. އަދި އެ އިންތިހާބު ކުރިޔަށް ދިޔަ އިރު ފުލުހުން ވަނީ ވޯޓުލާ މަރުކަޒުތަކަށް ވަދެ ވޯޓު ފޮށިތައް ގެންގޮސްފަ އެވެ. ނަމަވެސް ނަތީޖާ އިއުލާން ކުރި އިރު 44،011 މެންބަރުން ވޯޓުލާފައިވާ ކަމަށާއި 43،922 ވޯޓުން ރައީސް ނަޝީދު ކާމިޔާބުކޮށްފައިވަ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ. ނަމަވެސް ވޯޓު ފޮށިތައް ގެންގޮސްފައިވާ އިރުވެސް އެ ނަތީޖާ ނުކުތުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ނަތީޖާއާ ބެހޭ ގޮތުން ސުވާލު އުފައްދާ ފާޑު ކިޔަމުންނެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހަސަން ވިދާޅުވީ ވޯޓުލުން ކުރިޔަށް ދަނިކޮށް ފުލުހުން އައިސް ފުރަތަމަ ކޮޅު ނެގި ފޮށިތަކުގައި ގިނަ ވޯޓު ކަރުދާހެއް ގެންދިޔަ ކަމަށާއި ނަމަވެސް އޭގެ ފަހުން ގިނަ ރަށްތަކުގައި ވޯޓުލާ މަރުކަޒުތަކުން ތިބީ އެކަމަށް ތައްޔާރަށް ކަމަށެވެ. އެގޮތުން ފަހުން ފުލުހުން ގެންދިޔައީ ވޯޓު އަޅާފައި ހުރި ފޮށިތަކެއް ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން ޗެއާ ޕާސަން ވިދާޅުވީ ރޯދައިގެ ކުރިން ކޮންމެ ދުވަހަކު އެމްޑީޕީ ހަރުގޭގައި ބާއްވާ "ކުއްލި ސައި"ތަކުގައި ބޭރުގައި ޕާރިސަލްކޮށްފައި ހުންނަ ހެދިކާތައް ފުލުހުން ގެންދާ ކަމަށާއި އެހެންވެ ފަހަކަށް އައިސް ބަހައްޓާފައި ހުންނާނީ ހުސް ޕާރިސަލްތަކެއް ކަމަށެވެ. ނަމަވެސް އެތަކެތި ވެސް ފުލުހުން ގެންދާ ކަމަށް އޭނާަ ވިޑާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަން ފުރަތަމަަ ކޮޅު ގިނަ ވޯޓުތަކެއް ފުލުހުންގެ ސަބަބުން ގެއްލުނު އަޅުގަނޑުމެންގެ އަތުން،" ހަސަން ވިދާޅުވި އެވެ. "ފަހުން އަޅުގަނޑުމެން ކައިރީ މީހުން ގުޅާ ކިޔައިދިން ޗެއާއޭ ތިމަންނަމެންގެ ފޮއްޓަށް ހުންނާނީ މިވެނި އެއްޗެކޭ އަޅާފައި، ފަހުން ފަހުން އެކަން ހަޖުލަކަށްވެފައި އޮތީ، ރައީސް އަބްދުﷲ ޔާމީންއަށް މެސެޖުވެސް އަޅާފައި ހުންނާނެ އެ ފޮށިތަކުގައި،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ފުލުހުން ފޮށިތަކެއް ގެންދިޔުމަށް ފަހުގައި ވެސް ވޯޓުލުން ކުރިޔަށް ދިޔަ ކަމަށާއި ގިނަ ރަށްތަކުގައި އެންމެންްގެ ކުރިމަތީ ވަގުތީ ނަތީޖާ ވެސް އިއުލާން ކުރި ކަމަށެވެ. އަދި އެއަށް ފަހު ހުރިހާ ރަށަކުން ވޯޓުގެ ނަތީޖާތައް ފޮނުވައި ރޭ ފަތިހު 4:00 ގެ ފަހުން ނަތީޖާަ ލިބުނު ކަމަށް ހަސަން ވިދާޅުވި އެވެ. އަދި އެ ނަތީޖާއާ ބެހޭ ގޮތުން ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި ނަތީޖާ ސައްހަ ވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"52000 މީހުންގެ ޕާޓީއަކުން 40،000 އަކަށް މީހުން ނިކުމެ ވޯޓުލުމުން އެއީ ހައިރާންވާން ޖެހޭ ކަމެއް ނޫން، ހާއްސަކޮށް ފުލުހުން އުޅުނު ގޮތުން އެމްޑީޕީގެ ގިނަ އާންމު މެންބަރުން ރުޅި ގަދަވެގެން ވެސް ވޯޓު ލާން ނިކުތް، އެހެންވެ ވޯޓުތަކުގެ ނަތީޖާ ސައްހަ ވާނެ،" ހަސަން ވިދާޅުވި އެވެ.

އެމްޑީޕީ އިން ބުނީ ވޯޓްފޮށިތައް 12 ޖެހިއިރު ބަންދުކުރުމަށް ފަހު، އެ ޕާޓީއިން ރޭ ދަންވަރުގެ ވަގުތެއްގައި އިއުލާންކުރި ވަގުތީ ނަތީޖާގައިވާ ގޮތުގައި އިއްޔެ މުޅި ރާއްޖެ އާއި ތިން ގައުމެެއްގައި ބޭއްވި ޕްރައިމަރީގެ ވޯޓްލުމުގައި އެ ޕާޓީގެ 44،011 މެންބަރުން ވަނީ ވޯޓްލައިފަ އެވެ. އޭގެ ތެރެއިން ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އާ އެކޭ ބުނެފައި ވަނީ 43،922 މެންބަރުން ކަމަށް އެ ޕާޓީ އިން ބުންޏެވެ. ނުފެންނަ ކަމަށް 14 ވޯޓްވަނީ ލައިފަ އެވެ. އަދި ބާތިލް 75 ވޯޓް ވަނީ ލައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް މީގެ ކުރިން އަންގާފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ކަމަށާއި އެހެންކަމުން އެމަނިކުފާނު ވާދަކުރެއްވޭ ގޮތަށް ރިޔާސީ ޕްރައިމަރީ ބޭއްވުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ވެސް ހިލާފު ކަމަށެވެ. އަދި އެކަން ކޮށްފި ނަމަ، އެމްޑީޕީއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އީސީއިން ވަނީ ދީފަ އެވެ.