ހަބަރު

ލަތީފްގެ ބިލް ފާސްވިޔަ ނުދޭނަން، ނަޝީދު ވާދަކުރާނެ: އެމްޑީޕީ

ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ސީދާ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހުށަހެޅި ބިލެއް ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް އެމަނިކުފާނުގެ ޕާޓީ
އެމްޑީޕީއިން ބުނެފި އެވެ.

ދިއްދޫ ލަތީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ. އެކަމާ ގުޅިގެން އޭނާގެ ޕާޓީ، ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒު ވެސް ކަންބޮޑުވުން ފާޅުކުރައްވައި އެ ބިލް އަނބުރާ ނެގުމަށް ވަނީ ލަތީފަށް އަންގަވާފަ އެވެ.

އެކަމާ ގުޅިގެން މިއަދު އެމްޑީޕީ އޮފީހުގައި އެ ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ލަތީފް ހުށަހެޅި ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށެވެ. އެމްޑީޕީއިން ގަބޫލު ކުރާ ގޮތުގައި އެ ބިލަކީ ރައީސް ނަޝީދަށް އަމާޒުކޮށް ލަތީފް ހުށަހެޅި ބިލެއް ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަރުތުތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެ ޝަރުތުތަކަށް ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ނޫނީ ބަދަލު ނުކުރެވޭނެ އެވެ.

"ލަތީފް ހުށަހެޅި އިސްލާހަކީ ގާނޫނު އަސާސީއާ ތައާރަޒުވާ އިސްލާހެއް، ގާނޫނު އަސާސީގައި ޝަރުތުތަކެއް ކަނޑައަޅާފައިވާނަމަ އެ ޝަރުތުތަކެއް ގާނޫނަކުން އުންޏެއް ވެސް ނުކުރެވޭނެ އިތުރަށް ޝަރުތެއް އިތުރު ވެސް ނުކުރެވޭނެ، އެކަން ކުރެވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން،" ހަސަން ލަތީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުން ބަލައިގަނެގެން ވެސް ވާނެ އިސްލާހެއް ނޫނެވެ. އެ އިސްލާހު މަޖިލީހުން ބަލައިގަންނާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

ލަތީފަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރަކަށްވާއިރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރަކު އެފަދަ އިސްލާހެއް ހުށަހެޅުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ހަސަން ވިދާޅުވި އެވެ. އެމްޑީޕީއިން އެކަމާ ހިތާމަ ވެސް ކުރާ ކަމަށެވެ.

"ކޯލިޝަނަށް ނިސްބަތްވާ ބޭފުޅުން މިފަދަ އިސްލާހުތައް ހުށަހަޅުއްވާއިރު ވަކިވަކިން އެ އަމަލު ކުރައްވާ ގޮތަކީ އެމްޑީޕީއިން ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތެއް ނޫން، ކޯލިޝަނެއް އޮންނައިރު އެންމެ ރަނގަޅު ގޮތަކީ މަޖިލީހުގެ ވެސް ސަރުކާރުގެ ވެސް މަސައްކަތް ކުރަންވާނީ އެކުއެކީގަ މަޝްވަރާ ކުރެވިގެން،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ އެފަދަ ބިލެއް ހުށަހަޅާފައިވީ ނަމަވެސް ރައީސް ނަޝީދު އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ އާންމު މެންބަރުންނަށް އަރުވާ ކަމަށެވެ. އެ އިސްލާހު ބަލައިގަނެ، މަޖިލީހުން ފާސްވި އެމްޑީޕީއިން ނުދޭނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

ޗެއާޕާސަން ހަސަން ވިދާޅުވީ ލަތީފު އެ އިސްލާހު ހުށަހެޅުމަކީ ކޯލިޝަންގެ ތެރޭގައި މައްސަލައެއް އުޅޭ ކަމުގެ ނިޝާނެއް ނޫން ކަމަށެވެ. އެ އިސްލާހަކީ ކޯލިޝަންގައި މަޝްވަރާ ކުރެވިގެން ހުށަހެޅި އިސްލާހެއް ނޫން ކަމަށް ޕީޖީ ލީޑަރު ރިޔާޒު ވިދާޅުވެފައިވުމަކީ ހިތްހަމަޖެހުމެއް ކަމަށް ވެސް ވިދާޅުވި އެވެ. ކޯލިޝަން ވަރަށް ރަނގަޅަށް ހިނގަމުންދާ ކަމަށާއި ބައްދަލުވުންތައް ވެސް ގަވައިދުން ބާއްވަމުންދާ ކަމަށް ހަސަން ވިދާޅުވި އެވެ.