ހަބަރު

މައުމޫނާއި ދެ ފަނޑިޔާރުންގެ މިރޭގެ ޝަރީއަތް ކެންސަލް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ މިރޭގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.

ދެ ފަނޑިޔާރުންނާއި މައުމޫންގެ ޝަރީއަތް ކުރިމިނަލް ކޯޓްގައި ތާވަލްކޮށްފައި އޮތީ، މިރޭ 9:30 އަށެވެ. ޝަރީއަތް ކެންސަލްވި ސަބަބެއް ނާނގާ ހަމައެކަނި ކޯޓުން ބުނީ އެ ޝަރީއަތް މިހާރު ކެންސަލްވެފައިވާ ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތެއް އެންމެ ފަހުން ބާއްވާފައިވަނީ ރޭގައި އެވެ. ރޭގެ ޝަރީއަތުގައި ދެ ފަނޑިޔާރުންގެ ވަކީލުން ވަނީ މައްސަލައިން ތަނާޒުލްވެފަ އެވެ. އެބޭފުޅުންގެ ވަކީލުން ކޯޓް ރޫމުން ނިކުމެ ވަޑައިގެންނެވީ، ފުރަތަމަ ސިއްރު ހެކިވެރިޔާއާ ދައުލަތުން ސުވާލުކޮށް ނިންމުމުންނެވެ. އޭގެ ކުރިން ރޭގެ ޝަރީއަތުގައި މައުމޫންގެ ވަކީލުން ވެސް ވަނީ މައްސަލައިން ތަނާޒުލްވެފަ އެވެ.

މައުމޫންގެ ވަކީލެއް ނެތި އަޑުއެހުން ކުރިއަށް ގެންދަން ދައުލަތުން ވެސް ބޭނުންނުވާ ކަމަށް ދައުލަތުގެ ވަކީލް އައިޝަތު ރީޝާ ވެސް ރޭގެ ޝަރީއަތުގައި ވިދާޅުވި އެވެ. ނަމަވެސް ގާޒީ ނިންމެވީ ވަކީލުން ނެތަސް ހެކި ބަސް ނެގުމައިގެން ކުރިއަށްދާށެވެ.

އެހާ ހިސާބުން އުއްތަމަ ފަނޑިޔާރު ވަނީ އެމަނިކުފާނުގެ ތިން ވަކީލުންނަށް މައްސަލަ ދޫކޮށްލެއްވުމަށް އަންގަވާފަ އެވެ. ވަކީލް ހިސާން ހުސެއިންނާއި މަސްތޫރު ހުސްނީ އާއި ނޫރުއްސަލާމް އަބޫބަކުރު މައްސަލައިން ތަނާޒަލްވީ އިންސާފު ހޯދައި ދިނުމަށް އެ ބޭފުޅުންނަށް ކުރެއްވޭނެ ކަމެއް ދެން ނެތް ކަމަށް ވިދާޅުވި އެވެ. އެ ވަކީލުން ގާނޫނީ ކަންކަން ފާހަގަ ކުރެއްވި ނަމަވެސް އެއަށް ގާޒީ ރިޔާއަތް ކުރުމެއް ނެތި އަޑުއެހުންތައް ކުރިއަށް ގެންދަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ އެ ވަކީލުން މަޖިލީހުން ނުކުމެވަޑައިގަތެވެ.

އެ ވަކީލުންނަށް ފަހު އަލީ ހަމީދުގެ ވަކީލުން ކަމަށްވާ ސަފާ ޝަރީފާއި އަލީ ޒާހިރާއި އަހުމަދު އަބްދުﷲ އަފީފު ވެސް މަޖިލީހުން ހަމަ އެ ސަބަބުތައް ވިދާޅުވުމަށްފަހު ނުކުމެވަޑައިގަތެވެ.

މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް މިދިޔަ ހަފުތާ ނިންމާލިއިރު ޝަރީއަތުގެ ދެ އަޑުއެހުމެއް ރޭ އަދި އޭގެ ކުރީ ރޭ ކުރިމިނަލް ކޯޓުގައި ބޭއްވި އެވެ. އަންގާރަ ދުވަހުގެ ރޭ ބޭއްވި އަޑުއެހުމުގައި ޝަރީއަތް ފެށުމަށް ބޭއްވި އަޑުއެހުމެކެވެ. ރޭ ބޭއްވި ހެކި ބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.

ރޭގެ ޝަރީއަތުގައި ދައުލަތުން ހުށަހަޅާފައިވާ ހަތަރު ހެކިވެރިއެއްގެ ހެކިބަސް ނެގުން އޮތެވެ. ރޭގެ ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު ވިދާޅުވީ، މިރޭ އޮންނާނީ ދެން ހުރި ދައުލަތުގެ ހެކިންގެ ހެކި ބަސް ނެގުމެވެ. އެއީ ސިއްރު ހެއްކަކާއި ހަތަރު ފުލުހެއްގެ ހެކި ބަހެވެ.