ހަބަރު

އުތުރާއި މެދުރާއްޖެއަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ: މެޓް

Jun 1, 2018

ރާއްޖޭގެ ބޮޑު ބަޔަކަށް ކުރިއަށް އޮތް ވަގުތުތަކުގައި ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ވަނީ މިރޭގެ 8:00 އާ ހަމައަށް ހއ. އަތޮޅުން ވ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. އެ އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 23 މޭލާއި 30 މޭލާ ދެމެދުގައި އުޅޭ ނަމަ އެވެ.

މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތުގައި އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެ އެވެ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ އެވެ.

ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާ 23 މޭލާދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވެ އެވެ.

ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާއްމުގޮތެއްގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، އާއްމުކޮށް ހުރިހާ ފަރާތްތަކުން، ވަކިން ހާއްސަކޮށް ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފިހުން ވަނީ އިލްތިމާސްކޮށްފަ އެވެ.