ހަބަރު

ޓެގް އަޅުވާތީ ފެހުރިއްސަށް އަނިޔާވާ ކަމުގެ ޝަކުވާ ބޮޑުވެއްޖެ

ރާއްޖޭގައި އުޅޭ ފެހުރިހީގެ އާބާދީގެ ރިސާޗް ހެދުމުގެ ގޮތުން ކަމަށް ބުނެ ފެހުރިހީގައި ބަޔަކު ޓެގްތަކެއް ހަރުކުރަމުން ގެންދާ ކަމަށާއި އެކަމުން ފެހުރިއްސަށް އަނިޔާވަމުން އަންނަކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ. ފެހުރިއްސަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

މި ޝަކުވާތައް މިފަހަރު ފެންމަތިވީ، އިއްޔެގެ ވަގުތެއްގައި ޑައިވަރުންތަކަކަށް ފެނުނު ފެހުރިއްސެއްގެ މަތީ އުރަހައިގައި ޓެގެއް އަޅުވާފައި ހުރުމުގެ ސަބަބުން އޭގެ އުރަހައަށް ގެއްލުންވެ ފެހުރިއްސަށް ފަތަން އުނދަގޫވެފައިވާ ފޮޓޯތަކެއް އާންމު ކުރުމާ ގުޅިގެން އެވެ. އެ ފެހުރުހި ސަލާމަތްކުރި ޑައިވަރުންގެ ތެރެއިން އެކަކު، ސޯޝަލް މީޑިއާގައި ފޮޓޯތަކާ އެކު ކުރި ޕޯސްޓްގައި ބުނެފައި ވަނީ، ފެހުރިއްސަށް އެއްވެސް ޒާތެއްގެ އަނިޔާއެއްވާ ފަދަ ކަމެއް ކުރުމަކީ މުޅިން މަނާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މަތީ އުރަހައިގައި ޓެގް އެޅުވުމުގެ ސަބަބުން ފެހުރިހީގެ އުރަހަ ޒަހަމްވެފައިވާ ކަމަށާއި އެއަށް ފަތަން އުނދަގޫވެ ފެންމަތީގައި އޮންނަތާ ގިނައިރު ވެފައިވާ ކަމަށެވެ. ފޮޓޯތަކުން ވެސް ގެންނަ ގޮތުގައި ފެހުރިފީގެ މަތީ އުރަހައިގައި ވަނީ ދަނގަޑު ޓެގެއް އަޅައިވައިފަ އެވެ. އަދި ޓެގް އަޅުވާފައި ވަނީ، މަތީ އުރަހަ ތޮރުފާލައިގެން ކަމަށް ބެލެވެ އެވެ.

އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެފައި ވަނީ ފެހުރިހީގައި ޓެގް އެޅުވުމުގެ އެއްވެސް ޕްރޮގްރާމެއް ހިންގަން ހުއްދައެއް ދީފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށާއި ޓެގް އަޅުވަމުންދާ ނަމަ އެކަން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރާ ފަރާތްތަކުން ވެސް ބުނަމުން ދަނީ ރިސާޗް ކުރުމަށް ކަމަށް ބުނެ ފެހުރިހީގައި ޓެގް އެޅުވުމަކީ، އެއްގޮތަކަށް ވެސް ހުއްދަ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި މީގެ ސަބަބުން ފެހުރިއްސަށް ހީނުކުރާ ވަރުގެ ގެއްލުން ވާނެ ކަމަށެވެ.

މައުލޫމާތު އެނގޭ ބައެއް ފަރާތަކުން ބުނެފައިވާ ގޮތުގައި ފެހުރިހީގައި ޓެގް އެޅުވުމުގެ ޕްރޮގްރާމެއް ހިންގަނީ، "އިކޯއޯޝަން ވޭލްޝާކް ރިސާޗް އެންޑް ކޮންވަޒޭޝަން" ކިޔާ ޕްރޮގްރާމަކުން އެވެ. ފެހުރިއްސާއި އެހެން ވެސް ދިރުންތައް ހިމާޔަތްކުރުމަށް 2013 ވަނަ އަހަރު އުފެއްދި މި ޕްރޮގްރާމުން ރާއްޖެއިން ފެންނަ ފެހުރިހީގައި ޓެގް އަޅުވަނީ ކޮން އުސޫލަކުން ކަމެއް ސާފުވާ ގޮތެއް ނުވި އެވެ. ބައެއް ފަރާތްތަކުން ވަނީ މިކަން ހުއްޓުވަން އެ ޖަމާއަތާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސޯޝަލް މީޑިއާގައި ގޮވާލައިފަ އެވެ.

ރާާއްޖޭގައި ފެހުރިހި ފެންނަ ސަރަހައްދުތަކަކީ، އއ އާއި އދ އަތޮޅާއި ބ އަތޮޅުގައި އޮންނަ ހަނިފަރުބޭ އެވެ. ފެހުރިހި ހިމާޔަތް ކުރުމަށް ރާއްޖޭގައި ބޭރުގެ އެކި ޖަމާއަތްތަކުން ހަރަކާތްތައް ހިންގަ އެވެ. އެކަން ކުރަނީ އެންވަޔަރުމަންޓް މިނިސްޓްރީ އާއި އީޕީއޭގެ ހުއްދަ ނަގައިގެން އެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ފެހުރިހީގައި ޓެގް އެޅުވުމަށް ފަހު އެތަކެތި ޕެޓްގެ ގޮތުގައި ޓޫރިސްޓުންނަށް ވިއްކުމުގެ ހަރަކާތްތައް ވެސް ބައެއް ފަރާތްތަކުން ހިންގަ އެވެ. މީގެ ދެތިން އަހަރުކުރިން އެފަދަ ޝަކުވާތައް ބޮޑުވެގެން މިނިސްޓްރީ އިން އެ މައްސަލަތައް ބެލި އެވެ. މިފަދަ އެއްވެސް ހަރަކާތެއް ހިންގުމަކީ ރާއްޖޭގެ ދިރުންތައް ހިމާޔަތްކުރުމަށް ހެދިފައިވާ ގާނޫނުތަކާ މުޅިން ހިލާފު ކަމެކެވެ. އަދި މިފަދަ ޕްރޮގްރާމްތައް ހިންގަން ސަރުކާރުން ހުއްދައެއް ވެސް ނުދެ އެވެ.