މި ފެށުނު ޖޫން މަހާއެކު ހޮލީވުޑްގެ "ސަމާ" ސީޒަން ފެށުނީ އެވެ. އާންމުކޮށް ސަމާ ސީޒަނާއި ދިމާކޮށް ގިނަ ފިލްމުތަކެއް ނިކުތް ނަމަވެސް ބޮޑެތި ފިލްމުތައް މި ސީޒަންގައި ރިލީޒްކުރާލެއް މަދެވެ. ގިނަ ފިލްމުތައް އެއްފަހަރާއި ނިކުންނާތީ ބޮޑެތި ޓައިޓަލްތަކުގެ ގިނަ ފިލްމުތައް މި ސީޒަން ތެރޭގައި ވާދަކުރަން ބޭނުންނުވާނީ އެވެ.
ނަމަވެސް އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ މި ސީޒަން ތެރޭގައި ބޮޑު ދެ ފިލްމެއް ރިލީޒްކުރަން ނިންމާފައި އެބަ އޮތެވެ. އެ ދެ ފިލްމަކީ ކުރިން ބްލޮކްބާސްޓާގެ ދަރަޖަ ލިބިފައި އޮތް ދެ ފިލްމުގެ ސީގުއެލް ފިލްމުތަކެވެ.
ޖުރެސިކް ވޯލްޑް: ފޯލެން ކިންގްޑަމް
މިއީ މި މަހު ރިލީޒްކުރާ ސީގުއެލް ދެ ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމެވެ. މި ފިލްމަކީ 2015 ވަނަ އަހަރު ނިކުން މި ފިލްމުގެ ދެ ވަނަ ބައެވެ. ކްރިޓިކުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެންދިޔަ މި ފިލްމަށް ބިލިއަނަކަށްވުރެ ގިނަ ޑޮލަރުގެ އާމްދަނީއެއް ލިބިގެންދިއުންވީ ގިނަ ބަޔަކަށް ހައިރާންކަމެއް ގެނުވި ކަމަށެވެ.
ދެ ވަނަ ބައި ޑައިރެކްޓުކުރީ ޖޭ އޭ ބަޔޯނާ އެވެ. ކްރިސް ޕްރެޓް ލީޑުން ފެނިގެންދާ މި ފިލްމުގައި މުހިންމު ރޯލުތަކުން ބްރައިސް ޓެލަސް ހޯވާޑް އާއި ބީ. ޑީ. ވޮންގް އަދި ޖެފް ގޯލްޑްބްލަމް ފެނިގެންދާނެ އެވެ. ރާއްޖޭގައި މި ފިލްމު ޕްރިމިއާކުރަނީ އަންނަ ހުކުރު ދުވަހު އެވެ.
އިންކްރެޑިބަލްސް 2
ހުސް ސުޕަހީރޯއިން އުޅޭ އާއިލާއެއްގެ މެމްބަރުންނަށް ދިމާވާ ތަފާތު ކަންކަންތައްތައް ދައްކުވައިދޭ އެނިމޭޓެޑް މި ފިލްމަކީ މިހާރު އެންމެ އިންތިޒާރުކުރެވޭ ފިލްމަށް ވާނެ އެވެ. އެއީ ފިލްމު މި ނިކުންނަނީ މީގެ ފުރަތަމަ ފިލްމު ނިކުތްތާ 14 އަހަރަށްފަހުން ކަމަށްވާތީ އެވެ. މި މަހު ރިލީޒްކުރާ ދެ ވަނަ ސީގުއެލް ފިލްމަކީވެސް މި އެވެ.
ފުރަތަމަ ފިލްމާ ހިލާފަށް މި ފިލްމުގައި ލީޑު ނަގާނީ މިސްޓާ އިންކްރެޑިބަލްސްގެ އަންހެނުން އިލާސްޓިގާލް އެވެ. މިސްޓާ އިންކްރެޑިބަލްއަށް މިފަހަރު ޖެހޭނީ ކުދިން ބަލަން ގޭގައި ހުންނާށެވެ. ރާއްޖޭގައި މި ފިލްމު ޕްރިމިއާކުރަނީ މި މަހު 15 ގަ އެވެ.
އޯޝަންސް އެއިޓް
"އޯޝަންސް އެއިޓް" އަކީވެސް ގިނަ ބަޔަކު ބަލަން ކެއްމަދުވެފައިވާ ފިލްމަކަށްވާނެ އެވެ. ހޮލީވުޑްގެ ބައެއް ނުފޫޒުގަދަ ބަތަލާއިންނާއެކު ގެނެސްދޭ މި ފިލްމަކީ މަޝްހޫރު "އޯޝަންސް" ފިލްމު ސީރީޒްގެ އަންހެން އެކްޓަރުންގެ ސްޕިން އޮފް ފިލްމެވެ.
މި ފިލްމުގައި ފެނިގެންދާ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ސެންޑްރާ ބުލޯކް، ކޭޓް ބްލެންޗެޓް، އޭން ހެތަވޭ، ރިއޭނާ، ހެލޭނާ ބޯންހަމް ކާޓާ، މިންޑީ ކޭލިންގް، ސާރާ ޕޯލްސަން އަދި އައުކަފީނާ ހިމެނެ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޖޭމްސް ކޯޑެން، ޑޮކާޓާ ފެނިންގް އަދި ރިޗާޑް އާމިޓޭޖް ވެސް ހިމެނެ އެވެ.
ވާނާ ބްރޯސް ޕިކްޗާސް އިން ގެނެސްދޭ މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނަނީ 150 މިލިއަން ޑޮލަރުގެ އަގުހުރި ޖަވާހިރުން ތައްޔާރުކޮށްފައިވާ ކަރުގައި އަޅާ ހާރަކަށެވެ. މި ހުރިހާ އެންމެންގެ މަގުސަދަކަށް ވާނީ އެ ހާރު ވަގަށް ނެގުމެވެ. މި ފިލްމުވެސް ރާއްޖޭގައި ޕްރިމިއާކުރަނީ އަންނަ ހުކުރު ދުވަހު އެވެ.
ހެރޭޑިޓްރީ
ބިރުވެރި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް މި ފިލްމު ވަރަށް ހާއްސަވާނެ އެވެ. ކްރިޓިކުން މި ފިލްމަށް ގިނަ ތައުރީފުތަކެއް މިހާރުވެސް ކޮށްފައިވާއިރު މި ފިލްމަކީ މީގެ ކުރިން ނުގެނެސްދޭފަދަ ބިރުވެރި ފިލްމެއްކަމަށް ބުނެފައިވެ އެވެ. ރޮޓެން ޓޮމާޓޯގައި މި ފިލްމަަށް މިހާރުވެސް ވަނީ 100 ޕަސެންޓް ރޭޓިން ލިބިފަ އެވެ.
މި މަހު 22 ގައި ރިލީޒްކުރާ މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނަނީ އާއިލާއެއްގެ އެންމެ އިސްކޮށް ހުންނަ އަންހެން މެމްބަރަކު މަރުވުމުން އާއިލާއާއި ބެހޭގޮތުން ކުރިން އެ މީހުންނަށް ނޭގެ ވާހަކަތަކެއް އިނގުމުން ކުރިމަތިވާ ބިރުވެރި ކަންތައްތަކެއްގެ މައްޗަށެވެ.
އެޑްރިފްޓް
މިހާރު ސިނަމާގައި ދައްކަން ފަށާފައިވާ ފިލްމު "އެޑްރިފްޓް" އަށް ގިނަ ބައެއް ޝައުގުވެރިކަން ދަމައިގަތީ މި ފިލްމުގައި ލީޑުން ފެނިގެންދާ ދެ ތަރިންގެ ސަބަބުން ކަމަށް ބެލެެވެ އެވެ. މި ފިލްމުގެ ލީޑުން ފެނިގެންދަނީ "ދަ ފޯލްޓް އިން އަވާ ސްޓާސް" އާއި "ޑައިވާޖެންޓް" ފަދަ ފިލްމުތަކުން ގިނަ ބައެއްގެ ލޯބި ހޯދި ޝެއިލިން ވުޑްލީ އާއި "ހަންގާ ގޭމްސް" އާއި "މީ ބިފޯ ޔޫ" އިން ފެނިގެންދިޔަ އެކްޓާ ސޭމް ކްލަފްލިން އެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނަނީ 1983 ވަނަ އަހަރު ރިޔަލު ދޯނި ދުއްވުމަށް ލޯބި ކުރި ދެ ލޯބިވެރިން ހިތްހަމަޖައްސާލުމަށް ރިޔަލު ދޯންޏެއްގައި ކަނޑުމައްޗަށް ނިކުމެ އުޅެނިކޮސް ބާރުގަދަ ތޫފާނެއްގައި ޖެހި އޭމީހުން ކަނޑުމަތިވި ހާދިސާގެ މައްޗަށެވެ.