ހަބަރު

ޖަލުތަކުގައި މަރުވާ މީހުން އިތުރުވާތީ ހާއްސަ ދިރާސާއެއް ކުރަނީ

Jun 2, 2018
2

މިފަހަކަށް އައިސް ޖަލުގައި ތިބޭ ގައިދީން މަރުވާ އަދަދު އިތުރުވެފައި ވާތީ، އެކަމުގެ ސަބަބުތައް ދެނެގަތުމަށް ހާއްސަ ދިރާސާއެއްކޮށް ރިޕޯޓެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށް އިިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީި އިން ބުނެފި އެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ 30 އަހަރުގެ ޒުވާނަކު މިދިޔަ ހުކުރު ދުވަހުގެ ރޭ މަރުވުމާ ގުޅިގެން، އެމްޑީޕީ އިން މިއަދު ނޭއްވި ޕްރެސްކޮންފަރެންސްގައި މާލޭގެ ޑެޕިއުޓީ މޭޔަރު، އަދި އެ ޕާޓީގެ ހައްގުތަކާ ބެހޭ ކޮމިޓީގެ މެންބަރު ޝަމާއު ޝަރީފް ވިދާޅުވީ، މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި ޖަލުގައި ކުއްލި ގޮތަކަށް މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި މަރުވާ މީހުންގެ ތެރޭގައި ޖަލުގައި ތިބޭ ޒުވާން ގައިދީން ވެސް ހިމެނޭ ކަމަށެވެ. އަދި އެކަން އެގޮތަށް ވަނީ ގައިދީންއަށް ފަރުވާ ކުރުމުގައި ކަރެކްޝަންސް އިން އިހުމާލުވެފައި ވާތީ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދެނީ މި ރިޕޯޓް އެކުލަވާލުމަށް ޖަލުގައި މަރުވާ ގައިދީންގެ އާއިލާތަކުން މި ކޮމިޓީއާ މައުލޫމާތު ހިއްސާކޮށްދެއްވުން. މި ރިޕޯޓަކީ މި މައްސަލަ ދެނެގަތުމަށް ފަސޭހަވެގެން ދާނެ ރިޕޯޓަކަށް ވާނެ ކަމަށް އުންމީދު ކުރަން،" ޝަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި އެކުލަވާލާ ރިޕޯޓްގައި ދެނެގަނެވޭ މައްސަލަތައް ހައްލު ކުރުމަށް ގޮތްތަކެއް އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާނެ ކަމަށެވެ. އަދި ރިޕޯޓުން ދެނެގަނެވޭ މައްސަލަތައް އިސްލާހުކުރަން ކަމާ ބެހޭ އިދާރާތަކުގައި އެމްޑީޕީގެ ފަރާތުން އެދޭނެ ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށާއި މިކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި އެމްޑީޕީ އިން ނަގާ ކަމަށެވެ. އަދި ޖަލުގައި ތިބޭ ގައިދީންގެ ތެރޭގައި އެކި ބަލިތައް ހުންނަ މީހުން ހިމެނޭ ކަމަށާއި އެހެން ނަމަވެސް ކަރެކްޝަންސް އިން އެ ކަންކަމަށް ފަރުވާ ބަހައްޓަނީ ކިހާވަރަކަށްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.