ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ހުރިހާ ބިދޭސީން ހޯދައި، ފުރަތަމަ ތިން އަހަރުގެ ތެރޭގައި އަނބުރާ ފޮނުވާލާނެ ކަމަށް ރިޔާސީ އިންތިހާބުގައި ވާދަަ ކުރަން ނިންމާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު އޭނާގެ ފޭސްބުކްގައި އާންމު ކުރި ވީޑިއޯއެއްގައި ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގައި 40،000 އަށް ވުރެ ގިނަ ބިދޭސީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މީހުން ވަނީ ދިވެހިން މީގެ ކުރިން ކުރަމުން އަންނަ ގިނަ މަސައްކަތްތައް ބިދޭސީންގެ އަތް މައްޗައް ނަގައިފައި ކަމަށެވެ. އެގޮތުން ރާއްޖޭގެ ބޮޑެތި ހުރިހާ މަސައްކަތްތަކެއް ޗައިނާ މީހުން ކުރަމުން އަންނަ އިރު ކުދި ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަނީ ބަންގްލަދޭޝް މީހުން ކަމަށް އުމަރު ވިދާޅުވި އެވެ.
ނަމަވެސް އުމަރުގެ ސަރުކާރެއްގައި އެ 40،00 ބިދޭސީން އަލުން ރަޖިސްޓްރީވުމަށް މުއްދަތެއް ދިނުމަށް ފަހު އެ މުއްދަތުގެ ފަހުން ގަވައިދާ ހިލާފަށް ތިބި އެންމެން ހޯދައި އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށާއި ބިދޭސީން ފޮނުވާލުމަށް ފުލުހުންނާއި ސިފައިން އަދި އިމިގްރޭޝަން ހިމެނޭ ވަކި ޔުނިޓެއް އުފައްދާ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޮނުވާ ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އެ މަސައްކަތް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ގުޅިގެން ފުރަތަމަ 3 އަހަރު ތެރޭގައި އެ މައްސަލަ އެއްކޮށް ހައްލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"40،000 ބިދޭސީން ރާއްޖެއަސް އެތެރެވީ އިއްޔެއަކު މިއަދަކު ނޫން، މިއީ ކޮރޮޕްޝަން އެކުލެވޭ ވަރަށް ޒަމާންވީ މައްސަލައެއް އަދި އެއްވެސް ސަރުކާރަށް ހަމަޖައްސާ ނުލެވުނު މައްސަލައެއް، ރާއްޖެ މުޅިން އާ މިސްރާބަކަށް ގެންދިޔުމަށް އަޅުގަނޑު މި ފަށާ ދަތުރުގައި އަޅުގަނޑާ އެކު ހިންގަވާ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރާއްޖައި ހިންގާ ޕްރޮޖެކްޓުތަކާއި ވިޔަފާރިތަކަށް ކޮންމެހެން ބޭނުންވާ ބިދޭސީން ގެނައުމަށް އެއްވެސް ހުރަހެއް ނޯންނާނެ، ނަމަވެސް ގެނެވޭ ބިދޭސީންނަކީ މަސައްކަތް ނިންމާފައި އެނބުރި ގައުމަށް ދާން ޖެހޭ ބައެއް ކަން ކަށަވަރު ކުރާނެ ކަމަށެވެ. އަދި މާަލެ ސަރަހައްދުގައި އުޅޭ ބިދޭސީންނަށް ހާއްސަކޮށް ގުޅީފަޅުގައި ބިދޭސީ މަސައްކަތްތަކަށް ހާއްސަ ޓައުންއެއް ހަދާނެ ކަމަށާއި އެ ފަރާތްތަކަށް ފަސޭހައިން މާލެއަށް އާދެވޭނެ ގޮތާއި މަސައްކަތް ނިމިމުން އަނބުރާ ދެވޭނެ ފެރީގެ ނިޒާމް ހަމަަޖައްސާދޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ބިދޭސީންގެ މަސައްކަތުގައި އިމިގްރޭޝަންގެ ރޯލަކީ ވިސާ ދިނުމާއި ކެންސަލް ކުރުމަށް ހަދައި ކޯޓާ ކަނޑައެޅުމާއި ކޯޓާ ދޫކުރުމަކީ އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތަކަށް ބަދަލުކޮށް ކޯޓާތަކަށް ބިދޭސީން އެތެރެ ކުރުމަކީ އެޖަންސީތަކުގެ މަސައްކަތަކަށް ހަދާނެ ކަމަށް އުމަރު ވިދާޅުވި އެވެ.