ހޮލީވުޑް

ހާވީގެ މައްޗަށް އިތުރު ތިން އަންހެނަކު ޖިންސީ ފުރައްސާރާގެ ދައުވާކޮށްފި

ހޮލީވުޑްގެ ކުރީގެ މަޝްހޫރު ޕްރޮޑިއުސަރު ހާވީ ވައިންސްޓީންގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް ދެ އަންހެނަކު މިހާރު އަންނަނީ އޭނާގެ މައްޗަށް ދައުވާކުރަމުންނެވެ. މި ދައުވާތަށް ކުރަމުން އަންނަނިކޮށް އަނެއްކާވެސް އިތުރު ތިން އަންހެނަކު މިހާރު ވަނީ ހާވީގެ މައްޗަށް ދައުވާ އުފުލާފަ އެވެ.

ހާވީ، 66، މައްޗަށް ޖިންސީ ފުރައްސާރައިގެ ތަފާތު ތުހުމަތުތައް ކުރާ 70 އަށްވުރެ ގިނަ އަންހެނުން އެބަ ތިއްބެވެ. ނަމަވެސް މީގެ ތެރެއިން ދައުވާ ކުރެވޭ ވަރަށް ހެކި ހުރީ މަދު އަންހެނެއްގެ އަތުގަ އެވެ.

މިފަހަރުވެސް ހާވީގެ މައްޗަށް މި ދައުވާކޮށްފައި ވަނީ ތިން އެކްޓްރެސުންނެވެ. އެ އެކްޓްރެސުންނަކީ މެލީސާ ތޮމްޕްސަން، ކެއިޓްލިން ޑުލޭނީ އަދި ލެރިސާ ގޯމްސް އެވެ. މީގެ ކުރިން އޭނާގެ މައްޗަށް މި ދައުވާކޮށްފައިވާ ދެ އެކްޓްރެސުންނަކީ ލޫސިއާ އިވެންސް އަދި ޕަޒްޑަ ހޭޑާ އެވެ.

މި ދައުވާތަށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފައިވާ މަޝްހޫރު އެކްޓްރެސުންގެ ތެރޭގައި ރޯޒް މެކްގޯވަން، މެރީލް ސްޓްރީޕް، އެންޖެލީނާ ޖޯލީ، ޖެނިފާ ލޯރެންސް، ކޭޓް ބެކިންސޭލް ފަދަ ހޮލީވުޑްގެ އޭ ލިސްޓެޑް އެކްޓްރެސުން ހިމެނެ އެވެ.

ހާވީ މިހާރު ހުރީ ކަފާލާތުގެ ދަށުން ގޭ ބަންދަށް ދޫކޮށްލާފަ އެވެ. ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލީ އެއް މިލިއަން ޑޮލަރަށެވެ. އޭނާ ދޫކޮށްލިއިރު ގައިގައި ޖީޕީއެސް ޓްރެކާ ހަރުކޮށް ޕާސްޕޯޓްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މި މައްސަލައިގެ އަޑު އެހުމެއް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ ޖުލައި މަހު 30 ގަ އެވެ.