ހަބަރު

ސިނާންގެ ޝަރީއަތް މިއަދު މެންދުރު

ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލްކޮށްފި އެވެ.

ސިނާންގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ޝެޑިއުލް ކުރީ، މިއަދު މެންދުރު 12:00 އަށެވެ.

ސިނާން ދައުވާއަށް އިންކާރު ކުރައްވާތީ، އެ ދައުވާ ސާބިތު ކުރުމަށް 32 ހެއްކެއް ދައުލަތުން ވަނީ އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން 16 ހެއްކެއް ހުށަހެޅީ ސިއްރު ކުރާ ގޮތަށެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން ސިއްރުން ދީފައިވާ ބަޔާންތައް ވަނީ ލީކްވެސްވެފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ސިނާންއަށް ފައިސާތަކެއް ގެންގޮސް ދިންކަމަށް ބުނާ ހެކިވެރިއަކު ވަނީ އޭނާގެ ބަޔާން އަނބުރާ ގެންގޮސް ހެކި ދޭން ބޭނުން ނުވާ ކަމަށް މިހާރު ކޯޓަށް އަންގައިފަ އެވެ.

ސިނާންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ، އަބްދުﷲ ސިނާން، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ އިތުރު ބަޔަކާ ބައިވެރިވެގެން 2017 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި ރިޝްވަތު ހިފާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީއިން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރެއް ނެރެއްވައިފައިވާތީ ވެސް ސިނާންއަށް ޓެރަރިޒަމްގެ ދައުވާ ކުރާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އޮންނާނީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމާއި ދިފާއި ހެކިން ހުށަހެޅުމެވެ. މީގެކުރިން ވެސް މިކަމަށް ހަތަރު އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް އެއްވެސް ސަބަބެއް ނާންގާ އެ ހަތަރު އަޑުއެހުން ވެސް އެންމެ ފަހު ވަގުތު ކެންސަލްކުރީ އެވެ.

މި މައްސަލާގައި ސިނާންގެ އިތުރުން ވެސް އެހެން މަޖިލިސް މެންބަރުންނަށް ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އެއީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ. އޭގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ސީޕީ އަރީފުގެ މައްޗަށް ވެސް މި މައްސަލާގައި ޓެރަރިޒަމްގެ ދައުވާކުރެ އެވެ. މި ދައުވާ ސާބިތުވެއްޖަނަމަ 17 އަހަރާއި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.