ހަބަރު

މިނިވަންވުމަށްފަހު ސިނާން: މި ފެށެނީ އާ ޒަމާނެއް

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ އެކު ރާއްޖޭގައި ދެން ފެށިގެން ދާނީ އާ ޒަމާނެއް ކަމަށް މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން މިރޭ ވިދާޅުވެއްޖެ އެވެ. އޭނާ އެހެން ވިދާޅުވީ، މިރޭ ޖަލުން މިނިވަންވުމާއެކު އެވެ.

އެކެއް ފެބުރުއަރީ އަމުރާ ގުޅިގެން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސިނާން މިރޭ ބަންދުން ދޫކޮށްލީ އޭނާ ބަންދު ރިވިއު ކުރުމަށް ހުށަހެޅި މައްސަލާގަ އެވެ. ފުލުހުން ވަނީ އޭނާ ބަންދުގައި ބަހައްޓަން މިހާރު ބޭނުން ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލަށް އަންގާފަ އެވެ.

ސިނާން ދޫކޮށްލުމުން ކުރިމިނަލް ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސިނާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިސްލާހީ މަސައްކަތުން ނެރޭނެ ނަތީޖާ ރައްޔިތުންނާ ހަމައަށް ގެނެސްދެއްވާނެ ކަމަށެވެ.

"މި ފެށޭ އާ ޒަމާނަކީ އަދުލުގެ އާ ޒަމާނަކަށްވާނެ، އިންސާފުގެ އުފާވެރިކަމުގެ އާ ޒަމާނަކަށް ވެގެން ދާނެ،" ސިނާން ވިދާޅުވި އެވެ.

ސިނާންގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި އިލްހާމް އަހުމަދު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން
ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް މިރޭ ވަނީ މިނިވަންކޮށްފަ އެވެ.

ކޯޓުން ނުކުމެވަޑައިގެން އިލްހާމް ވެސް ވަނީ އިއްޔެ ރައްޔިތުން ދެއްކި ހިތްވަރަށް ސާބަސް ދެއްވާފަ އެވެ. އަދި އޭނާއަށް ޖަލުގައި ދިނީ އަނިޔާތަކެއް ކަމަށާއި އެ އަނިޔާވެރިކަން ނިމިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

ނަދީމް ވެސް ވިދާޅުވީ، މިހާރު އޮތް އަނިޔާވެރިކަން އެއްކޮށް ނިމިގެން ދާނެ ކަމަށެވެ. އޭނާ ވެސް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމަން ވޯޓު ދިން ރައްޔިތުންނަށް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.