ހަބަރު

ސިނާންގެ ހުށަހެޅުންތައް ބޭރުކޮށް، ބަންދަށް ލުޔެއް ނުދިން

މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ފަރާތުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހެޅި ހުރިހާ ހުށަހެޅުންތަކެއް ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. އަދި އޭނާގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ވެސް މިއަދު އެ ކޯޓުން ވަނީ ނިންމާފަ އެވެ.

ސިނާންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާކޮށްފައިވަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ. އެ އަމުރުގައި އޭނާ ދޫކޮށްލުމަށް ވެސް އަމުރުކުރި އެވެ. މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް އެ އަމުރު ނެރުމުގައި ސިނާން ބައިވެރިވާ ކަމަށް ދައުލަތުން ކުރާ ދައުވާގައި ބުނެ އެވެ.

މިއަދު މައްސަލާގައި ބޭއްވި އިބްތިދާއީ އަޑުއެހުމަކީ ސިނާންގެ ފަރާތުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ. މީގެކުރީ އަޑުއެހުމުގައި ސިނާންއާ ދެކޮޅަށް ހުރި ހެކިތައް ސިއްރުކުރަން ދައުލަތުގެ ފަރާތުން ހުށަހެޅި ދެ ހުށަހެޅުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ބަލައިގެންފައިވެ އެވެ.

ސިނާންގެ ފަރާތުން ހުށަހެޅީ 12 ހުށަހެޅުމެކެވެ. އެގޮތުން ފުރަތަމަ ހަތަރު ހުށަހެޅުމުގައި މައިގަނޑު ގޮތުގައި ފާހަގަކުރީ ކުރިމިނަލް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސޯސް ނެތް ކަމެވެ. އެއީ ސިނާންއަށް ކުރާ ދައުވާ ބައްޓަންކޮށްފައި އޮތީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާމެދު ބަހުސް ކުރެވޭ ގޮތަށް ކަމަށްވާތީ އެއީ މަތީ ކޯޓެއްގެ އަމުރެއް ކަމުން އެކަން އެގޮތަށް ނުކުރެވޭނެ ކަމެއް ބުނެ އެވެ. އަދި، އެކެއް ފެބުރުއަރީގެ މުޅި އަމުރަކީ ގޯސް އަމުރެއް ކަމަށް ދައުވާއިން ދޭހަވާ ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުން އެންމެ ފަހުން ނިންމި ނިންމުމުގައި ވެސް އެ އަމުރު އެއްކޮށް ބާތިލްކޮށްފައިނުވާ ކަމެވެ. އެހެންވެ އެ މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔުން ވާނީ ފަނޑިޔާރެއްގެ ނިންމުމާމެދު ސުވާލު އުފައްދައި އެކަމަށް ބަހުސްކުރުން ކަމަށްވާއިރު އެއީ ފަނޑިޔާރުންގެ ގާނޫނާ ހިލާފު ކަމެއްކަން އެ ހުށަހެޅުމުގައި ފާހަގަކުރި އެވެ.

އެ ހުށަހެޅުންތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، މި މައްސަލައަކީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސައްހަކަން ކަނޑައަޅާފައިވާ މައްސަލައެއް ނޫން ކަމަށާއި މައްސަލަ ބެލުމުގެ އިހްތިސޯސް ކުރިމިނަލް ކޯޓަށް އެބަ އޮތް ކަމަށެވެ. މި މައްސަލައަކީ އެ އަމުރު ނެރުމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ނުބައި ނިޔަތެއްގައި ނެރުނު އަމުރެއް ކަމަށާއި އެކަމާ ގުޅިގެން އެ ދެ މީހުންގެ މައްސަލަތައް ވެސް ކޯޓުގައި ކުރިއަށްދާ ކަމަށެވެ. އަދި، މި މައްސަލައަކީ އެ އަމުރުގައި ނެރުމުގައި ބައިވެރިވި މީހުންގެ މައްޗަށް ހިންގާ މައްސަލައެއް ކަމަށެވެ.

ފަސް ވަނަ ހުށަހެޅުމެއްގެ ގޮތުގައި ފާހަގަކުރީ ދައުވާ ކުރުމުގައި ފުރިހަމަ ކުރަންޖެހޭ އުންސުރުތައް ފުރިހަމަނުވާ މައްސަލަ އެވެ. އެގޮތުން ޓެރަރިޒަމްގެ ގާނޫނުގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ހާލަތެއް ނެތް ކަމަށާއި އެހެންވީމަ ބަލަންޖެހޭނީ ގާނޫނުލްއުގޫބާތަށް ކަމަށެވެ. ނަމަވެސް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ޝަރުތައް ފުރިހަމަވާ ގޮތެއް އަދި ދައުލަތުން ބުނެދީފައިނުވާ ކަމަށެވެ. ދައުވާގައި ސިނާން ކުށްކުރި ވަގުތާއި ދުވަސް ބަޔާންކޮށްފައިނުވާ މައްސަލަ ވެސް ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅި އެވެ.

ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ފުރިހަމަ ނުވަނީ ކޮން އުންސުރެއް ކަމެއް ސާފުނުކޮށްދޭ ކަމަށާއި ދައުވާގައި ހުރިހާ އުންސުރެއް ފުރިހަމަ ވާނެ ކަމަށެވެ. ދުވަހާއި ވަގުތު ބަޔާންކޮށްފައި ނެތް މައްސަލާގައި ދައުލަތުގެ ވަކީލް ވިދާޅުވީ، ސިނާން އެ އަމަލު ހިންގާފައިވަނީ 2017 ވަނަ އަހަރުން ފެށިގެން ދިގު މުއްދަތެއްގައި ކަމަށެވެ. ކުށް ކުރާ ވަކި ވަގުތާއި ތާރީހު ޖަހަން މަޖުބޫރުވާނަމަ ދިގު މުއްދަތެއްގައި ކުރާ ކުށްތަކަށް އަދަބު ދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ދެން ހުށަހެޅި ހުށަހެޅުމަކީ މައްސަލާގެ ދައުވާ ފޯމްގައި ސީދާ ޕީޖީ ސޮއިކުރައްވާފައިނުވާ މައްސަލަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދައުވާ ފޯމްގައި ސޮއިކުރައްވަން ޖެހޭނީ ޕީޖީ ނުވަތަ ޕީޖީ ހުއްދަ ދޭ ފަރާތެކެވެ. ޕީޖީ ހުއްދަ ދީފައިވާ ފަރާތްތައް ބަޔާންކޮށްފައި އޮންނަން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، ޕީޖީ ހުއްދަ ދެއްވާފައިވާ ފަރާތްތައް ބަޔާންކޮށް ހުރިހާ ކޯޓަކަށް ސާކިއުލާއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރުމަކީ މިހާރު މަތީ ކޯޓުތަކުން ވެސް ބަލައިގެންފައިވާ ކަމެއް ކަމަށެވެ.

މައްސަލާގައި ހުށަހަޅާފައިވާ ސިއްރު ހެކިވެރިޔާ އެކެއް ބަލައިނުގަތުމަށް އެދި ދެ ހުށަހެޅުމެއް ހުށަހެޅި އެވެ. އެއް ހުށަހެޅުމުގައި ފާހަގަކުރީ އެ ހެކިވެރިޔާއަކީ ކުރިން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ރިޝްވަތުގެ މައްސަލާގައި ރިޝްވަތު އޭނާ ދީފައިނުވާ ކަމަށް ބުނެ ހެކި ބަސް ދީފައިވާ މީހެއްކަން އެނގެން އޮންނަ ކަމަށާއި އެހެންވެ އޭނާގެ ހެކި ބަސް ނެގުމުގެ ބޭނުމެއް ނެތް ކަމަށެވެ. އޭނާ ހެކި ބަސް ނަގަނީ ސިނާން ރިޝްވަތު ހިފިކަން ސާބިތުކުރަން ކަމަށާއި ނަމަވެސް ރިޝްވަތާއި ޓެރަރިޒަމާ ގުޅޭނެ ގޮތެއް ނެތް ކަމަށް ދެވަނަ ހުށަހެޅުމުގައި ފާހަގަކުރި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ އެ މައްސަލާގައި ހިމެނޭ ސިއްރު ހެކިވެރިޔާއަކީ ކާކު ކަމެއް ސިނާނަށް ނޭނގޭއިރު އޭނާއަކީ ވަކި މީހެއް ކަމަށް ބުނެ ފާހަގަކުރާ ނުކުތާއަށް ދައުލަތުން ޖަވާބު ދޭން ނުޖެހޭ ކަމަށެވެ. ރިޝްވަތު ހިފައިގެން އަމުރު ނެރެ ހިންގަން އުޅުނީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ދެން އެ މައްސަލާގައި ހުށަހަޅާފައިވާ އެހެން ހުރިހާ ހެއްކަކީ ވެސް ސިނާންއާ ގުޅުމެއް ނެތް ހެކިތަކެއް ކަމަށާއި ސިނާން ކުރި އަމަލެއް ސާބިތުކޮށްދޭނެ އެހެން އެއްވެސް ހެއްކެއް ނެތް ކަމަށް 10 ވަނަ ހުށަހެޅުމުގައި ފާހަގަކުރި އެވެ. އެގާރަވަނަ ހުށަހެޅުމުގައި ފާހަގަކުރީ ހެކިތައް ބަލައިގަންނަން ނިންމާ ހާލަތެއްގައި ވެސް ހެކީގެ ވަނަވަރު އުނިކުރުމަށްފަހު ބަޔާންތައް ލިބޭނެ ގޮތް ހަދައިދިނުމަށެވެ. ފަހު ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅީ މައްސަލާގެ ތަހުގީގު ވީޑިއޯ އޯޑިއޯ ހުރިހާ ރެކޯޑިންތަކާއި ލިޔުންތައް ލިބޭނެ ގޮތް ހަދައިދިނުމަށެވެ.

ސިނާންގެ ފަރާތުން ހުށަހެޅި އެ ހުށަހެޅުންތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، މައްސަލާގައި ދެވެން އޮތް ހުރިހާ ލިޔުންތަކެއް ވަނީ މިހާރު ސިނާނަށް ރައްދުކޮށްފަ ކަމަށެވެ. ސިއްރު ހެކި އެކަކުން ފެށިގެން 15 އާ ހަމައަށް ހުރި އެއްވެސް ހެއްކެއްގެ މައުލޫމާތެއް ދެވެން ނެތް ކަމަށެވެ. ނަމަވެސް އެ ހެކިވެރިންނާ ސުވާލުކުރުމަށް ފުރުސަތު ލިބޭނެތީ އެއީ މައްސަލައެއް ކަމަށް ދައުލަތުން ނުދެކޭ ކަމަށް ވިދާޅުވި އެވެ.

ސިއްރު ލިޔުމެއްގެ ގޮތުގައި ހުށަހަޅާފައިވާ ޑޮކިއުމެންޓް އެގްޒަމިނޭޝަން ރިޕޯޓް ޝަރީއަތުގެ މަޖިލީހުގައި ސިނާނަށް ދެއްކުމަށް ދައުލަތުން އިއުތިރާޒު ނުކުރާ ކަމަށް ވަކީލް ވިދާޅުވި އެވެ. އެހެން ނަމަވެސް ވަކީލް ވިދާޅުވީ ސީސީޓީވީ ފުޓޭޖާއި އޭގެ ސްނެޕް ޝޮޓްތަކާއި ކްރައިމް ސީން ރިޕޯޓަކީ އެއްގޮތަކަށް ވެސް ސިނާންއަށް ދޫކުރެވެން ނެތް ލިޔުންތަކެއް ކަމަށެވެ.

ވަކީލް ވިދާޅުވީ، މައްސަލާގެ ތަހުގީގު ވީޑިއޯ އަދި އޯޑިއޯ ރިކޯޑިންތައް ވަނީ ރައްދުކޮށްފަ ކަމަށާއި ދެން ސިނާންގެ ފަރާތުން އެދޭ ތަހުގީގު ލިޔުންތަކަކީ ބައެއްގެ ޒާތީ މައުލޫމާތުތައް ހިމެނޭ ލިޔުންތަކަކަށްވާތީ އެ ލިޔުންތައް ދިނުން ލާޒިމް ނުވާ ކަމަށެވެ.

ހުށަހެޅުންތަކަށް ދައުލަތުން ރައްދުދީ ނިންމުމުން ގާޒީ ހައިލަމް ވަނީ 12 ހުށަހެޅުމާ ގުޅޭ ގޮތުން ނިންމަވާފަ އެވެ. ހުރިހާ ހުށަހެޅުންތަކެއްގައި ވެސް ގާޒީ ބުރަވެވަޑައިގެންނެވީ ދައުލަތުން ފާހަގަކުރި ކަންކަމަށެވެ. އެ 12 ހުށަހެޅުން ވެސް ބަލައިގަނެވެން ނެތް ކަމަށް ނިންމެވި އެވެ.

"ވަރަށް ދުވަހު ބަންދުގައި ބެހެއްޓިއްޖެ، ލުޔެއްދީ"

ސިނާންގެ ބަންދާމެދު ވާހަކަ ދެއްކުމަށް ގާޒީ ދެން ފުރުސަތު ދެއްވި އެވެ. ސިނާންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ސިނާން ޝަރީއަތް ނިމެންދެން ބަންދުކުރިތާ މިއަދަށް 122 ދުވަސްވެފައިވާ ކަމަށެވެ. މިހާތަނަށް އެ މައްސަލާގެ ޝަރީއަތް އަދިވެސް ފެށިފައިނުވާ ކަމަށެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 140 ވަނަ މާއްދާގައިވާ ގޮތުން މައްސަލާގައި ލިޔުންތައް ލިބޭތާ 70 ދުވަހުގެ ތެރޭގައި ޝަރީއަތް ފަށަންޖެހޭނެ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ. ލިޔުންތައް ލިބުނުތާ 70 ދުވަހަށްވުރެ އިތުރުވެފައިވާ ކަމަށެވެ.

ނޫރުއްސަލާމް ވިދާޅުވީ އެ މުއްދަތު 70 ދުވަހަށްވުރެ އިތުރު ކުރެވޭނެ ގޮތް ވެސް ބަޔާންކޮށްފައިވާ ކަމަށެވެ. މުއްދަތު އިތުރު ކުރެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 141 ވަނަ މާއްދާގެ (ށ)ގައިވާ ހާލަތުގަ އެވެ. އެއީ، އެ މުއްދަތު އިތުރުކޮށްދޭން ދައުވާ ލިބޭ މީހާ އެދޭ ހާލަތެއްގައި އަދުލުއިންސާފު ގާއިމުކުރުމަށް އެކަމުގައި މަސްލަހަތު އޮތް ކަމަށް ކޯޓަށް ފެންނަ ހާލަތުގަ އެވެ. ނަމަވެސް ސިނާންގެ ފަރާތުން އެ މުއްދަތު އިތުރުކޮށްދޭން އެދިފައިނުވާނެ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.

އެ ހުރިހާ ދުވަހު ބަންދުގައި ބަހައްޓާފައިވަނީ ބަލިކަށި ހެކިތަކެއްގެ މަތީގަ ކަމަށާއި އެ ހުރިހާ ދުވަހު ބަންދުގައި ހުރިއިރު އޭނާގެ ފަރާތުން ސުލޫކީ އެއްވެސް ކަމެއް ފާހަގަވެފައިނުވުމަކީ ވެސް އޭނާގެ ބަންދަށް ލުޔުއް ދޭން ޖެހޭ ސަބަބެއް ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.

ނޫރުއްސަލާމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ ނޫރުއްސަލާމް 141 ވަނަ މާއްދާގެ (ށ) ފާހަގަކުރައްވާއިރު އެ މާއްދާގެ (ހ) ވިދާޅުނުވާ ކަމަށެވެ. އެ މާއްދާގައި ބުނެފައިވަނީ 70 ދުވަހުގެ މުއްދަތު ގުނުމުގައި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ހޭދަވާ ވަގުތު ނުހިމެނޭނެ ކަމަށެވެ. އެހެންވެ ނައުޝާދު ވިދާޅުވާ ގޮތުގައި 70 ދުވަހުގެ މުއްދަތު ގުނަން ފަށާނީ މިއަދުން ފެށިގެންނެވެ. މީގެކުރިން ހިނގާދިޔަ ދުވަސްތައް އެ މުއްދަތުގެ ތެރޭގައި ނުހިމެނޭނެ އެވެ.

ނައުޝާދު ވިދާޅުވީ، މައްސަލާގެ ހެކިތަކަކީ ބަލިކަށި ހެކިތަކެއް ކަމަށް ނޫރުއްސަލާމް ވިދާޅުވި ނަމަވެސް އެ ހެކިތައް ހުށަހަޅާ ސަބަބާއި ސާބިތުވާނެ ކަންކަން ވަރަށް ތަފްސީލްކޮށް ދައުލަތުން ހުށަހަޅާފައިވާނެ ކަމަށެވެ.

ދެ ފަރާތުން ދެއްކެވި ވާހަކަތަކަށް ރިޔާއަތް ކުރައްވާ ގާޒީ ހައިލަމް ވިދާޅުވީ މުއްދަތު ގުނުމުގައި ބަލާނީ ދައުލަތުން ފާހަގަކުރި ގޮތަށް ކަމަށް ޝަރީއަތުން ވެސް ދެކޭ ކަމަށެވެ. އެ ސަބަބަށްޓަކައި ސިނާންގެ ބަންދަށް ލުޔެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެން ނަމަވެސް މައްސަލާގެ ޝަރީއަތް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވެ މިއަދުގެ އަޑުއެހުން ނިންމަވާލެއްވި އެވެ.

މި މައްސަލާގައި ސިނާންގެ އިތުރުން ވެސް އެހެން މަޖިލިސް މެންބަރުންނަށް ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އެއީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ. އޭގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ސީޕީ އަރީފުގެ މައްޗަށް ވެސް މި މައްސަލާގައި ޓެރަރިޒަމްގެ ދައުވާކުރެ އެވެ. މި ދައުވާ ސާބިތުވެއްޖަނަމަ 17 އަހަރާއި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.