ހަބަރު

ސިނާނަށް ކުރާ ޓެރަރިޒަމް ދައުވާގެ އަޑުއެހުމެއް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލްކޮށްފި އެވެ. އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު، މިހާތަނަށް އެ މައްސަލާގައި ކުރިއަށް ގެންގޮސްދައިވަނީ އިބްތިދާއީ ދެ އަޑުއެހުމެވެ. އަޑުއެހުންތައް އެތައް ފަހަރަކު ތާވަލުކޮށް ކެންސަލްކޮށްފައިވެ އެވެ. އެންމެފަހު އަޑުއެހުން އޮތީ ޖޫން މަހުގެ ތިންވަނަ ދުވަހު އެވެ.

އެ އަޑުއެހުމުގައި ޝަރީއަތް ފެށުމުގެ ކުރިން ދައުލަތުން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާފައިވެ އެވެ. ދައުލަތުން ހުށަހެޅީ އެ މައްސަލާގައި ސިނާނާ ދެކޮޅު ހެކިތައް ސިއްރުކުރުމަށެވެ. މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ދައުލަތުން އެދުނު ގޮތަށް ހެކިތައް ސިއްރުކުރުމަށް އަމުރު ނެރެދެއްވާފަ އެވެ.

ސިނާން ދައުވާއަށް އިންކާރު ކުރައްވާތީ، އެ ދައުވާ ސާބިތު ކުރުމަށް 32 ހެއްކެއް ދައުލަތުން ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 16 ހެއްކެއް ހުށަހެޅީ ސިއްރު ކުރާ ގޮތަށެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން ސިއްރުން ދީފައިވާ ބަޔާންތައް ވަނީ ލީކްވެސްވެފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ސިނާންއަށް ފައިސާތަކެއް ގެންގޮސް ދިންކަމަށް ބުނާ ހެކިވެރިއަކު ވަނީ އޭނާގެ ބަޔާން އަނބުރާ ގެންގޮސް ހެކި ދޭން ބޭނުން ނުވާ ކަމަށް މިހާރު ކޯޓަށް އަންގައިފަ އެވެ.

ސިނާންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ، އަބްދުﷲ ސިނާން، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ އިތުރު ބަޔަކާ ބައިވެރިވެގެން 2017 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި ރިޝްވަތު ހިފާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީއިން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރެއް ނެރެއްވައިފައިވާތީ ވެސް ސިނާންއަށް ޓެރަރިޒަމްގެ ދައުވާ ކުރާ ކަމަށެވެ.

މި މައްސަލާގައި ސިނާންގެ އިތުރުން ވެސް އެހެން މަޖިލިސް މެންބަރުންނަށް ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އެއީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ. އޭގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ސީޕީ އަރީފުގެ މައްޗަށް ވެސް މި މައްސަލާގައި ޓެރަރިޒަމްގެ ދައުވާކުރެ އެވެ. މި ދައުވާ ސާބިތުވެއްޖަނަމަ 17 އަހަރާއި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.