މިދުވަސްވަރު ރާއްޖޭގައި ހަލުވި ސްޕީޑެއްގައި ފެތުރެމުންދާ އިންފްލުއެންޒާއާ ޑެންގޫ އަދި ވައިރަލް ރޯގާ ހުން ފެތުރޭ މިންވަރު ދަށްވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން ބުނީ ބަލި ފެތުރުން މަދުވި ނަމަވެސް ބައްޔަށް ސަމާލުވެތިބުން އަދިވެސް މުހިއްމު ކަމަށެވެ.
ޑެންގީ ހުމާއި އިންފްލުއެންޒާއަށް ރިޕޯޓްކުރާ މީހުން މިހާރު މަދުވާން ފަށާފައިވާ ކަމަށް ރިޕޯޓްކޮށް އެޗްޕީއޭއިން މިއަދު ބުނީ، އިއްޔެގެ ނިޔަލަށް އެ އޭޖެންސީއަށް ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު ޑެންގޫ ފެންނަ މިންވަރު ވެސް ވަރަށް ބޮޑަށް ދަށް ވެފައިވާ ކަމަށެވެ. އަދި އިންފްލުއެންޒާ ޖެހޭ މީހުންވެސް ނިސްބަތުން މަދުވަމުންދާ ކަމަށް ވެސް ބުންޏެވެ.
"ބަލިތައް ޖެހޭ މީހުންގެ އަދަދު މަދުވަމުން ދަނީ. އެހެން ނަމަވެސް ދަށް ވަމުންދާ ރޭޓް ބުނަން އެނގޭނީ މުޅި ރާއްޖެއިން ލިބިފައި ހުރި ރިޕޯޓްތަކުގެ ޖުމްލަ ހިސާބު ބެލުމުން. އެ އަދަދުތައް ފަހުން ހާމަކުރާނަން،" އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވި އެވެ.
އެޗްޕީއޭއިން މިދިޔަ ހަފްތާގައި ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރުވެސް ޑެންގޫ ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެހެން ނަމަވެސް އިންފްލުއެންޒާގެ ކޭސްތައް ފުދޭ ވަރަކަށް އިތުރު ކަމަށް އެޗްޕީއޭއިން މިދިޔަ ހަފްތާގައި ނެރުނު ޗާޓުން ދެއްކި އެވެ. ރާއްޖޭގައި އިންފްލުއެންޒާ ޖެހޭ މީހުންގެ ތެރޭގައި އެންމެ ގިނައީ އެޗް3 އެން2 އަށް ޕޮޒިޓިވް މީހުންނެވެ. މިއީ ވައިރަހެއްގެ ސަބަބުން ޖެހޭ ބާރުގަދަ ރޯގާއަކަށް ވާތީ މި ދުވަސްކޮޅު ސާފުތާހިރުކަމަށް ބޮޑު ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އިންފްލުއެންޒާއިން ދިފާއުވުމަށް އިންފްލުއެންޒާ ވެކްސިން ޖެހުމަށްވެސް އެ އޭޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.