މިއަދު ފާހަގަކުރާ ދުނިޔޭގެ ބައިސްކަލުގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ބައިސްކަލް ބުރެއް ބާއްވަން ތިމާވެށި މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ.
ބައިކް މޯލްޑިވްސްއާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީން ބާއްވާ ބައިސްކަލް ބުރު ފަށާނީ މިރޭ 9:50 ގައި ރަސްފަންނުންނެވެ. ނިންމާލާނީ ހެންވޭރު އާޓިފިޝަލް ބީޗަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނީ، ބައިސްކަލުގެ ދުވަސް ރާއްޖޭގައި ހާއްސަ ހަރަކާތްތަކަކާއެކު ފާހަގަކުރަން ނިންމާފައިވަނީ، ބައިސްކަލަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެންމެ އެކަށޭނަ ދަތުރުފަތުރުކުރުމުގެ ވަސީލަތް ކަމަށް ވާތީ ބައިސްކަލް ބޭނުންކުރަން މީހުން ޝައުގުވެރިކުރުވައި، ހިއްވަރުދިނުމުގެ ގޮތުން ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބައިސްކަލް ދުއްވުމަށް ވަރަށް ބޮޑު އިސްކަމެއްދީ އެކަމަށް ރައްޔިތުން ބާރުވެރިކުރުވާއިރު ރާއްޖޭގައިވެސް ބައިސްކަލް ބޭނުންކުރުމުގެ އާދަ އަށަގެނުވުމަކީ މިހާރު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އެންމެ ދެމެހެއްޓެނިވި ދަތުރުފަތުރުކުރާ ވަސީލަތުގެ ގޮތުގައި ބެލެވިފައި ވަނީ ބައިސްކަލް. ބައެއް ގައުމުތަކުގައި ބައިސްކަލް ދުއްވުމަކީ އެމީހުންގެ މުޖުތަމައުގެ އަމާންކަމާ ރައްކާތެރިކަން ރަމްޒުކޮށްދޭ ކަމެއް. އެކަމަކު ރާއްޖޭގައި ކުދި ރަށްތަކެއް ހުރި އިރުވެސް މި ބޭނުންކުރަނީ ގިނައިން އިންޖީނުލީ ވެހިކަލްތައް. މިކަން ބަދަލުކުރަން ބޭނުން،" އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
ބައިސްކަލުގެ ދުވަހުގެ ގޮތުގައި މުޅި ދުނިޔޭގައި ހާއްސަ ދުވަހެއް ފާހަގަކުރަން އދ ގެ މަޖިލީހުން ނިންމީ ނިމުނު އޭޕްރިލް މަހުގެ 12 ވަނަ ދުވަހު އެވެ. އެގޮތަށް ނިންމާފައިވަނީ ބައިސްކަލަކީ އެއްގަމު ދަތުރުތަކުގައި ބޭނުންކުރަން އެންމެ ރައްކާތެރި އަދި ދެމެހެއްޓެނިވި ވަސީލަތް ކަމުގައި ގަބޫލުކުރެވިގެންނެވެ.
ބައިކް ޑޭ ގެ ހާއްސަ ހަރަކާތް މާލޭގައި އޮތް ނަމަވެސް ފަރުދީ އަދި ރަށު ފެންވަރުގައި މިއަދު ބައިސްކަލް ދުވުމަށާއި ހަރަކާތްތަކުގެ ފޮޓޯތައް ވީވަރަކުން ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.