ހަބަރު

ސިނާންއާ ދެކޮޅު ހެކި ސިއްރުކުރަން ނިންމައިފި

މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ތިން ކަމެއް ހުށަހަޅައި އެކަންތައްތައް ކޯޓުން ބަލައިގެންފި އެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު، މިއަދު ވަނީ މައްސަލާގެ ދެވަނަ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންގޮސްފަ އެވެ. މިއަދުގެ އަޑުއެހުމަކީ ޝަރީއަތް ފެށުމުގެ ކުރިން ދައުލަތުން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ބޭއްވި ޝަރިއަތެކެވެ.

އެގޮތުން ދައުލަތުގެ ފަރާތުން ތިން ކަމެއް ހުށަހަޅާފައި ވެއެވެ. ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ސިއްރު ހެކިވެރީންގެ ހެކިބަސް ނެގުމުގައި ހިމާޔަތް ލިބިދޭނެ ގޮތަށް ހެކިބަސް ނެގުމުގެ އިންތިޒާމަކަށެވެ. ދެވަނަ ކަމަކަށް ދައުލަތުން އެދިފައިވަނީ ސިއްރު ހެކިވެރީންގެ މައުލޫމާތާއި ބަޔާންތައް ސިއްރު ކޮށްދިނުމަށް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ދާއިމީކޮށްދިނުމަށެވެ. ތިންް ވަނަ ކަމަކަށް އެދިފައިވަނީ މި މައްސަލައަކީ ގިނަ އަދަދެއްްގެ ބަޔަކަށް ދައުވާކޮށް ކުރިއަށް ގެންދާ މައްސަލައެއް ކަމުން މި މައްސަލައިގައި އިތުރު ހެއްކާއި ގަރީނާ ލިބިއްޖެނަމަ އެހެއްކާއި ގަރީނާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށެވެ.

ހުށަހެޅުންތަކަށް ރައްދު ދެއްވައި ސިނާންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ހެކިވެރީންގެ ހެކިބަސް ނެގުމުގައި ހިމާޔަތް ހޯދައި ދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި އިޖްރާއަތުގެ އެއްވެސް މާއްދާއަކަށް ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ.

ނޫރު ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރީންގެ މައުލޫމާތާއި ބަޔާންތައް ސިއްރު ކޮށްދިނުމަށް ދާއިމީ އަމުރަކަށް އެދިފައިވާއިރު ގާނޫނުގައި މީހުންގެ ވަނަވަރު ފޮރުވުމަށް ތިން ކަމެއް އޮންނަ ކަމަށާއި ނަމަވެސް ދައުލަތުން ސިނާންގެ އެފަދަ އެއްވެސް އަމަލެއް ފާހަގަ ކޮށްފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ، އަމުރު ނެރުމުގައި ޝަރުތުތަކެއް ކަނޑައަޅައި ދިނުމަށެވެ.

އެގޮތުން އަމުރު ނެރޭއިރު ބަޔާންތަކުގައިވާ ނަންތައް ކަނޑާފައި ނަމަވެސް އޭގައިވާ ވާހަކަތައް ލިބޭނެ ގޮތް ހަދައިދިނުމަށާއި އޭގައިވާ ތަފްސީލްތައް ދައުލަތުން ތައްޔާރުކޮށްގެން ނަމަވެސް ޝަރުތުތަކަކާއެކު އަމުރު ނެރެދިނުމަށް ވަކީލް ނޫރު އެދުނެވެ.

މި މައްސަލާގައި އިތުރު ހެއްކެއް ފެނިއްޖެ ނަމަ ހެކި ހުށަހެޅުމަށް ފުރުސަތު ދިނުމަށް ދައުލަތުން އެދުނު އެދުމަށް ދިފާއުން އިއުތިރާޒް ކޮށްފައި ވެއެވެ. ނޫރު ވިދާޅުވީ، މި މައްސަލައަކީ ނުވަ މީހެއްގެ މައްޗަށް ދައުވާކޮށް ކުރިއަށް ގެންދާ މައްސަލައެއް ކަމަށާއި ނަމަވެސް ދައުލަތުން މި މައްސަލާގައި ދިމާނުވާ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށެވެ.

އެގޮތުން މި މައްސަލައިގެ ބައެއް ޝަރީއަތްތަކުގައި މީގެ ނުވަ މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްސަލަ ނުނިމޭ ކަމަށާއި ނޫނީ މައްސަލަ އަދިވެސް ބަލަމުންދާ ކަމަށެވެ. މިކަމުންވެސް އިނގެނީ ދައުވާ ކޮށްފައިވަނީ އެއްވެސް ހެއްކެއް ނެތި ކަން ސާބިތުވާ ކަމަށް ނޫރު ވިދާޅުވި އެވެ.

އެކަންކަމަށް ޖަވާބުދެއްވައި ދައުލަތުގެ ވަކީލް ވިދާޅުވީ، މި މައްސަލާގައި ސިއްރު ހެކިވެރީންގެ ވަނަވަރާއި ބަޔާންތައް ސިއްރު ކޮށްދިނުމަށްއެދިފައިވަނީ މި މައްސަލައަކީ ތަހުގީގް ކުރިއަށްދާ މައްސަލައެއް ކަމުން މި މައްސަލައަށް ހުރަސް އަޅައި އެފަރާތްތަކަށް ގެއްލުންދީފާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި މި މައްސައިގެ އެހެން ފަރާތްތަކުގެ ތަހުގީގް ކުރިއަށްދާތީވެ އެފަރާތްތަކުގެ ތަހުގީގަށް ހުރަސް އެޅުމުގެ ފުރުސަތު އޮވެދާނެތީ ކަމަށް ބެލެވޭތީި ކަމަށް ދައުލަތުން ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، މައްސަލައިގެ އެއްވެސް ފަރާތެއްގެ ތަހުގީގު ނުނިމޭ ކަމަށް ވިދާޅުވެފައިނުވާނެ ކަމަށާއި ވިދާޅުވެފައިވާނީ މި މައްސަލައިގެ ބައެއް ފަރާތްތަކުގެ މައްސަލަތަކުގެ ތަހުގީގްތައް ނުނިމޭ ކަމަށެވެ. އަދި މި މައްސަލައަކީ ހެއްކާ ގަރީނާ ލިބިގެން ވައްދާފައިވާ މައްސަލައެއް ކަމަށާއި މި މައްސަލައިގައި އިތުރު ހެއްކާއި ގަރީނާ ލިބިއްޖެ ނަމަ ދެފަރާތައްވެސް ހުށަހަޅަން ފުރުސަތު ލިބޭ ގޮތަށް އެދިފައިވާ ކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ނޫރު ވަނީ އިތުރަށް ސުވާލްތަކެއް ކުރިމަތިކޮށްފަ އެވެ. އެގޮތުން މި މައްސަލައިގެ ތަހުގީގް ކުރަނީ ކިތައް މީހުންގެ ކަމަށާއި ތަހުގީގް މިހާރު ގޮސްފައިވާ ހިސާބާއި ކިތައް މީހުން ހައްޔަރުގައި ތިބިތޯ ނޫރު ސުވާލު ކޮށްފައި ވެއެވެ.

އެކަމަށް ޖަވާބުދެއްވައި ދައުލަތުން ވިދާޅުވީ، މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ތަހުގީގް ހިންގަމުންދާ ކަމަށާއި އެ ތިން ފަރާތުގެ ތަހުގީގްތައް ގާތްގަނޑަކަށް އަދި ފެށުނީ ކަމަށެވެ. އަދި ވިދާޅުވީ، އިތުރަށް ފާޅުވާ ހެކިތަކާއި ގުޅިގެން އިތުރު ފަރާތްތައް ފެންނަމުންދާ ކަމަށެވެ. އެގޮތުން ތިން މީހުންގެ އިތުރަށް ދެ މީހެއް ފާހަގަ ކުރެވިފައިވާ ކަމަށާއި އެމީހުންގެ ތަހުގީގްވެސް ފެށުމަށް ތައްޔާރުވަމުންދާ ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ދައުލަތުން ހުށަހެޅި ކަންކަން ބަލައިގަތުމަށް ކޯޓުން ނިންމި ގޮތް:

ދައުލަތުން ފުރަތަމަ ހުށަހެޅި ހުށަހެޅުމަކީ ހިމާޔަތް ލިބިދޭ ގޮތަށް ހެކިބަސް ނަގައިދިނުމަށެވެ. މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ނިންމެވީ އެ ހުށަހެޅުން ބަލައިގަތުމަށެވެ. ހައިލަމް ވިދާޅުވީ، ހެއްކާ ބެހޭ ގާނޫނުގައި ހިމާޔަތް ދިނުމަށް ނެތް ނަމަވެސް އެކަމަމަކީ އަދުލު އިންސާފު ގާއިމް ކުރުމަށް މުހިންމު ކަމެއް ކަމުން އެކަން ބަލައިގަންނަ ކަމަށެވެ.

ސިއްރު ހެކިވެރީންގެ ވަނަވަރުތަކާއި ބަޔާންތައް ސިއްރު ކޮށްދިނުމަށް އެދުނު އެދުމަށް ގާޒީ ވަނީ މި މައްސަލައިގެ އެހެން ޝަރީއަތްތަކުގައިވެސް ބައެއް ލިޔެކިޔުންތައް ދިފާއަށް ދިނުމަށް ދައުލަތުން އިއުތިރާޒް ނުވާ ކަމަށް ފާހަގަ ކޮށްފައިވާތީ ސިނާން މައްސަލައިގައި އެފަދަ ލިޔުމެއްވޭތޯ ސުވާލްކޮށްފަ އެވެ.

އެކަމަށް ދައުލަތުގެ ވަކީލް ވިދާޅުވީ، މި މައްސަލާގައި ހުށަހަޅާފައިވާ ޑޮކިއުމަންޓް އޮފް އެގްޒަމިނޭޝަން ރިޕޯޓް ދިފާއާ ހިއްސާ ކުރުމަށް އެއްވެސް އިއުތިރާޒެއް ނުކުރާ ކަމަށެވެ. އެހެންވެ ގާޒީ ނިންމެވީ އެ ލިޔުން ފިޔަވައި ސިއްރު ކުރުމަށް ހުށަހެޅި ލިޔުންތައް ސިއްރު ކުރުމަށެވެ.

ދައުލަތުން ތިންވަނަ އަށް ހުށަހެޅި އިތުރު ހެކި ފެނިއްޖެ ނަމަ ހެކި ހުށަހެޅުމަށް ފުރުސަތު ދިނުމަށް ގާޒީ ވިދާޅުވީ، އިތުރު ހެއްކެއް ފެނިއްޖެ ނަމަ ހެއްކަށް ބެލުމަށްފަހު އެ ހެއްކަކީ މައްސަލައާ ކިހާވަރަކަށް ގުޅުންހުރި ހެއްކެއްތޯ ބެލުމަށްފަހު ހެކި ބަލައިގަތުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި ސިނާންވަނީ އޭނާއަށް މާފުށީ ޖަލު ގޮޅީގެ ހާލަތާމެދު އެއްޗެއް ވިދާޅުވުމުގެ ފުރުސަތަކަށް އެދިފަ އެވެ. ނަމަވެސް ގާޒީ ވަނީ މިއަދުގެ މަޖިލީހަކީ ދައުލަތުން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ބޭއްވި އަޑުއެހުމެއް ކަމަށާއި ދެން އޮންނަ މަޖިލީހެއްގައި ބަންދާ ބެހޭ ގޮތުން ވާހަކަ ދެއްކުން އޮންނާނެ ކަމަށް ވިދާޅުވެ ޝަރީއަތް ނިންމާލެއްވި އެވެ.