ހަބަރު

ސުއޫދުގެ ތާއީދު ވެސް އިބޫ އަށް!

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނަޝީދަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ތާއީދު ކުރާނީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

އެއް ކެންޑިޑޭޓްގެ ގޮތުގައި އިބޫއަށް ތާއީދު އޮތްކަން މިއަދު ސުއޫދު ހާމަކުރައްވާފައިވަނީ ކުރެއްވި ކުރު ޓުވީޓަކުންނެވެ. ރިޔާސީ އިންތިހާބުގެ ތައްޔާރީތަކުގައި ނަޝިދު މިހާރުވެސް އުޅުއްވަމުން ގެންދަވާއިރު، އިންތިހާބުގައި ނަޝީދަށް ވާދަ ނުކުރެވޭނެ ހާލަތެއް އަތުވެއްޖެ ނަމަ އިބޫ އަށް ތާއީދުކުރައްވާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ކޮމަން ކެންޑިޑޭޓެއްގެ ގޮތު އިބޫއަށް ތާއީދު އޮތްކަން ހާމަކުރައްވައި ސުއޫދު ކުރެއްވި ޓުވީޓެއް --

މަހުލޫފް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ނަޝިދަށް ވާދަ ކުރެއްވޭނެ ނަމަ ތާއީދު ކުރާނީ ނަޝީދަށް ކަމަށެވެ. އަދި ޕާޓީތަކުން އިހުތިޔާރު ކުރާ ކެނޑިޑޭޓަކަށް ފުރުސަތު ގެއްލި ކޯލިޝަނުން އެއްބަސްވާ ކެނޑިޑޭޓެއް ނެރޭނަމަ އެމްޑީޕީގެ ކެނޑިޑޭޓަކަށް ފުރުސަތުދީ ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީގެ ފަރާތެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެގޮތުން ކޮމަން ކެނޑިޑޭޓެއްގެ ގޮތުގައި ޕާޓީތަކުން އިހްތިޔާރު ކުރުމަށް އެންމެ އެކަށީގެންވާ އަދި ރައީސްގެ މަގާމަށް އެންމެ ގާބިލް ބޭފުޅަކީ އިބޫ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރިޔާސީ އިންތިހާބަށް އިއުލާން ކުރުމަށް ދޮޅުމަހަށްވުރެ ވަގުތު ކުޑަތަންވެފައިވާއިރު އެކަށީގެންވާ ވަގުތު އޮއްވާ ޕާޓީތަކުގެ މެދުގައި އިންތިހާބާމެެދު ނިންމަންޖެހޭ ނިންމުންތައް ނިންމައި ރައްޔިތުންނަށް އުންމީދާއި ޔަގީންކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ރައީސް ނަޝީދު މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު އެމްޑީޕީން ވަނީ ނަޝީދުގެ ތރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ޕްރައިމަރީއެއް ވެސް ބާއްވާފަ އެވެ. އެ ޕްރައިމަރީގައި ރައީސް ނަޝީދަށް 43،936 ލިބިވަޑައިގެން އެމަނިކުފާނު ވަނީ އެ އިންތިހާބު ކާމިޔާބު ކުރައްވާފައި ކަމަށް ވެސް އެ ޕާޓީ އިން ވަނީ ބުނެފަ އެވެ.