"ހެރީ ޕޮޓާ" ގެ ވާހަކަތައް ލިޔުނު މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޭކޭ ރޯލިން ސްކްރިންޕްލޭ ތައްޔާރުކުރާ ފިލްމު ސީރީޒް "ފެންޓާސްޓިކް ބީސްޓް" ގެ ތިން ވަނަ ފިލްމުގެ ސްކްރީންޕްލޭ ލިޔަން ފަށައިފި އެވެ.
އެ ފިލްމުގެ ސްކްރީންޕްލޭ ލިޔަން ފެށިކަން ރޯލިން ހާމަކުރީ އޭނާގެ ވެބްސައިޓްގައި ފޭނުންނާއެކު ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބުގެ ހާއްސަ ޝެޝަނެއްގެ ތެރެއިންނެވެ.
"މިހާރު 'ގަލްބްރެއިތް' ގެ ހަތަރު ވަނަ ވާހަކަ 'ލީތަލް ވައިޓް' ލިޔެ ނިންމާލައިފިން. އަހަރެން މީހާރު މި ލިޔަނީ 'ފެންޓާސްޓިކް ބީސްޓް' ތިނެއްގެ ސްކްރީންޕްލޭ." ރިޗާޑް ގަލްބްރެއިތްއަކީ ރޯލިން ލިޔާ އޭނާގެ "ހެރީ ޕޮޓާ ޔުނިވާސް" އިން ބޭރުގެ ވާހަކަތައް ޕަބްލިޝްކުރުމަށް ބޭނުންކުރާ ފިކްޝަން ނަމެވެ.
"ޕެންޓާސްޓިކް ބީސްޓް" ގެ ދެ ވަނަ ފިލްމު "ފެންޓާސްޓިކް ބީސްޓް: ދަ ކްރައިމްސް އޮފް ގްރިންޑަލްވާލްޑް" އަންނަ ނޮވެމްބަރު މަހު 16 ގައި ރިލީޒްކުރާނެ އެވެ.
އެ ފިލްމުގައި ލީޑުން ޖޫޑް ލޯ ފެނިގެންދާއިރު، މުހިންމު ރޯލުތަކުން އެޑީ ރެޑްމޭން، ކެތްރީން ވޯޓާސްޓޮން، ޑެން ފޮގްލާ، އެލިސަން ސުޑޯލް، އެޒްރާ މިލާ، ޒޯއީ ކާވިޓްޒް، ކޭލަމް ޓާނާ، ކްލައުޑިއާ ކިމް، ކާމަން އެޖޯގޯ އަދި ޖޯނީ ޑެޕް ފެނިގެންދާނެ އެވެ. މި ފިލްމު ޑައިރެކްޓުކުރަނީ "ހެރި ޕޮޓާ" ފްރެންޗައިޒްގެ ހަތަރު ފިލްމެއް ޑައިރެކްޓުކޮށްފައިވާ ޑޭވިޑް ޔަޓްސް އެވެ.
ވާނާ ބްރޯސް އިން ގެނެސްދޭ "ފެންޓާސްޓިކް ބީސްޓް" ގެ ފުރަތަމަ ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. ރޮޓެން ޓޮމާޓޯގައި 74 ޕަސެންޓް ރޭޓިން އޮތްއިރު، ބޮކްސް އޮފީހުގައި 800 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވެ އެވެ.