ހަބަރު

އަރީފު މައްސަލައިގެ އަޑުއެހުން މިއަދު ކެންސަލް

Jun 4, 2018

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

މިއަދު 12:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރި ސަބަބެއް ކޯޓުން ނުބުނެ އެވެ. މިއީ އަރީފުގެ އަޑުއެހުން ތާވަލުކުރުމަށްފަހު ކެންސަލްކުރި ދެވަނަ ފަހަރެވެ.

ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އަރީފުގެ މައްޗަށް ކުރާ ދައުވާ އިއްވާފަ އެވެ. އެ ދައުވާގައި ބުނެފައިވަނީ 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން އަރީފު މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަން ކޮށްފައިވަނީ މަގާމުގެ ނުފޫޒުން ކަމަށެވެ.

ދައުވާގައި އިތުރަށް ބުނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރެ ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރަން އަރީފު އުޅުނު ކަމަށެވެ.

އަރީފު މަގާމުން ވަކިކޮށްފައިވަނީ އެކެއް ފެބުރުއަރީގެ އަމުރު ނެރުނު ރޭ، ރައީސް އަބްދުﷲ ޔާމީން ގުޅުއްވުމުން ފޯނު ނުނަންގަވާ ކަމަށް ބުނެ އެވެ. އޭގެފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އޭގެ ދަށުން އަރީފު ހައްޔަރުކުރި އެވެ.