ކުޅިވަރު

ރެލިގޭޝަނުން ސަލާމަތްވާން ވެލެންސިއާއަށް ފަހު ފުރުސަތު

މާޅޭ ލީގްކުޅުނު 12 މެޗުން ވެލެންސިއާއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. ބާކީ އޮތީ ދެ މެޗެވެ. އެ ދެ މެޗުން، ވެލެންސިއާ މޮޅުވެ، ހަތް ވަނައިގައި އޮތް ޔުނައިޓަޑް ވިކްޓަރީ އަށް އޮތް ބާކީ ދެ މެޗުން ބަލިވިޔަސް ވެލެންސިއާއަށް ތާވަލުގެ ފުލުން ސަލާމަތް ވެވޭނެ ގޮތެއެް ނެތެވެ. ޔުނައިޓަޑް ވިކްޓަރީއާ އެއް ޕޮއިންޓަށް ފަރަގު ކުޑަ ކުރެވިދާނެ އެވެ.

އެފްއޭއެމުން މި އަހަރުގެ ފޯމެޓަށް ގެނެސްފައިވާ ބަދަލުގައިވާ ގޮތުން، މި އަހަރު މާލޭ ލީގްގެ ފުލަށް ދާ ދެ ޓީމަށް އޮތީ ދެވަނަ ޑިވިޝަންގެ ރަނަރަފު ޓީމާ ދެކޮޅަށް ކުޅޭ މާލޭ ލީގް ކޮލިފިކޭޝަން ބުރެވެ. ކޮލިފައިން ބުރުން ސަލާމަތް ވާނީ އެންމެ ޓީމެކެވެ. މިހާރު ތާވަލު އޮތް ގޮތުން ވެލެންސިއާ އާއި ދެ ވަނަ ޑިވިޝަންގެ ރަނަރަފު ދަ ގޭންގާ ދެކޮޅަށް ކުޅެން އަންނާނީ ޔުނައިޓަޑް ވިކްޓަރީ އެވެ.

މި އަހަރުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ދަ ގޭންގް ވަނީ އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނަށް ކޮލިފައި ވެފަ އެވެ.

ވެލެންސިއާއަށް ދެންއޮތީ ކޮން ހާލަތެއް

ވެލެންސިއާ އަކީ ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކުލަބެވެ. ދިވެހި ލީގް އެންމެ ފުރަތަމަ މިލުކު ކޮށް އެ މުބާރާތުގެ ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމުގެ ޝަރަފު އޮތީ ވެލެންސިއާ އަތުގަ އެވެ. ކުޅިވަރުގައި ގިނަ ތަށިތަކެއް ވެލެންސިއާގެ ޓްރޮފީ ހަރުގައި އެބަ ހުއްޓެވެ. ރާއްޖޭގެ ފުޓްބޯޅަ ސެމީ ޕްރޮފިޝަނަލް ކުރީ ވެލެންސިއާއިންނެވެ.

ކުޅުންތެރިންނަށް މުސާރަ ދޭން ފެށީ ވެލެންސިއާއިންނެވެ. ތިރިން ޕާސްކޮށްގެން ކުޅޭ ފުޓްބޯޅަ ސިސްޓަމް ރާއްޖޭގެ އެންމެ މަތީ ޑިވިޝަނަށް ތާރަފު ކުރީ ވެލެންސިއާއިންނެވެ. ވެލެންސިއާ ދަށަށް ދިއުމަކީ ދިވެހި ފުޓްބޯޅައަށް ލޯބި ކުރާ ކޮންމެ މީހަކުވެސް ހިތާމަ ކުރާނެ ކަމެކެވެ.

މި އަހަރު މާލޭ ލީގްގައި، ވެލެންސިއާ އަދި އެއްވެސް މެޗަކުން މޮޅު ވެވިފައެއް ނުވެ އެވެ. ޔުނައިޓަޑް ވިކްޓަރީ އަތުން ފުރަތަމަ ބުރުގައިވެސް މޮޅު ނުވެވުނެވެ. ކޮލިފައިންގައި ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅެން ޖެހިއްޖެނަމަ އެ މެޗު ވެގެންދާނީ ލީގު އުސޫލުން ކުޅޭ ކޮލިފިކޭޝަން ރައުންޑުގެ އެންމެ ވާދަވެރި މެޗަށެވެ.

ދެ ވަނަ ޑިވިޝަންގެ ރަނަރަފު ޖޭޖޭ ޓީމުގައިވެސް ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ އެބައޮތެވެ. އެހެންވެ ޔުނައިޓަޑް ވިކްޓަރީ އާއި ވެލެންސިއާއަށްވެސް އެ ޓީމާ ދެކޮޅަށް ކުޅެން ފަސޭހަ ވާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ކުލަބު ވެލެންސިއާ

އަންނަ އަހަރު ފުޓްބޯޅައިގެ ފޯމެޓަށް ބަދަލުތަކެއް ގެންނަ ވާހަކަތައް ދަނީ އަޑު އިވެމުންނެވެ. އެއީ މާލޭ ލީގްގައިވެސް 10 ޓީމު ވާދަ ކުރާ ގޮތަށް ފޯމެޓަށް ބަދަލު ގެނައުން ކަމަށް ވެދާނެ އެވެ. ނަމަވެސް މިހާތަނަށް އެފްއޭއެމުން އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް އާންމު ކޮށްފައެއް ނުވެއެވެ. މި އަހަރުން ފެށިގެން ދިވެހި ޕްރިމިއާ ލީގްގައި ވެސް 10 ޓީމު ވާދަ ކުރާނެ އެވެ.

މާލޭ ލީގް ފޯމެޓް 10 ޓީމަށް ބަދަލު ކޮށްފިނަމަ، ފުރަތަމަ ޑިވިޝަންގައި ހިމެނޭ އަށް ޓީމަށާއި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމުގެ އިތުރުން ރަނަރަފު ޓީމަށްވެސް ފުރުސަތު ލިބިގެންދާނެ ކަަމަށް ގަބޫލު ކުރެވެ އެވެ. އެ ހާލަތުގެ ތެރެއިން ވެލެންސިއާ އަށް ފުރުސަތެއް ލިބުމުގެ އުންމީދު އެބައޮތެވެ.

ނަމަވެސް އެ ކަމާ ބެހޭގޮތުން އެފްއޭއެމުން މިހާތަނަށް ވަކި ގޮތަކަށް ނިންމާފައި ނެތުމުން، އުސޫލެއްގެ ގޮތުން ވެލެންސިއާ މިހާރު ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެފަ އެވެ.

ވެލެންސިއާއަށް ކުރިއަށް ދެވޭނީ ހާލަތު ބަދަލު ކޮށްގެން

ކޮލިފިކޭޝަން ބުރަށް ދިއުމުގެ ކުރިން ޓްރާންސްފާ ޕީރިއަޑު ކުރިމަތި ވާނެ އެވެ. ޓްރާންސްފާ ޕީރިއަޑުގައި ވެލެންސިއާ އަށް ބަދަލު އަންނާން ޖެހެއެވެ.

މިހާރު ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންގެ ފެންވަރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ޓްރާންސްފާ މާކެޓްގައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ރަނގަޅު ބިދޭސީ ކުޅުންތެރިން ހޯދައި ޓީމުގެ ހާލަތު ބަދަލު ކުރުމަށެވެ. ފެންވަރު ނޭންގޭ ކުޅުންތެރިޔަކު ގެނެސްގެން ތަޖުރިބާއެއް ކުރާކަށް މިހާރު އޮތް ހާލަތުން ފުރުސަތެއް ނެތެވެ. އެހެންވެ ގެންނަ ބިދޭސީ ކުޅުންތެރިންނަކީ އެ ކުޅުންތެރިންގެ ފެންވަރު ސާފު ކޮށް އެނގޭ ކުޅުންތެރިންނަށް ވާނެ ޖެހެ އެވެ.

ކޮލިފިކޭޝަން ރައުންޑަށް ޔުނައިޓަޑް ވިކްޓަރީވެސް ވަރުގަދަ ކުރުމުގެ މަސައްކަތް އެ ޓީމުން ދަނީ ކުރަމުންނެވެ. މިދިޔަ އަހަރު ވިކްޓަރީއަށް ކުޅުނު ކޮރޭޝިއާގެ ފޯވަޑް އަންޑްރޭ ކެރިކް ގެނައުމަށް ޔުނައިޓަޑް ވިކްޓަރީން ވަނީ ނިންމާފަ އެވެ.

ދިވެހި ލީގް ކުޅެން ފުރުސަތު ނެތް ނަމަ، ތަޖުރިބާ ކާރު ދިވެހި ކުޅުންތެރިޔަކު ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ވެލެންސިއާގެ ޓީމަށް ބަލާއިރު އެ ޓީމަށް މި ސީޒަންގައި ގެނައި ދިވެހި ކުޅުންތެރިންގެ ފަރާތުންވެސް އެދެވޭ ކުޅުމެއް ނުފެނެ އެވެ. ރެލިގޭޓް ނުވެ ސަލާމަތް ވުމަށް މި ހުރިހާ ހާލަތެއް ބަދަލު ކުރަން ޖެހެ އެވެ.