ހަބަރު

އޭޑީކޭގެ މެކޭނިކަލް ޕާކިން ސިސްޓަމް ހުޅުވާލައިފި

ހިދުމަތް ހޯދަން ދާ ފަރާތްތަކުގެ ކާރުތައް ޕާކު ކުރެވޭ މެކޭނިކަލް ޕާކިން ސިސްޓަމެއް އޭޑީކޭ ހޮސްޕިޓަލުގައި ގާއިމްކޮށް ހިދުމަތަށް ގެނެސްފި އެވެ. މިދިޔަ ހޮނިހިރު ދުވަހު އޭޑީކޭގައި އިންސްޓޯލްކޮށް އާންމުންނަށް ހުޅުވާލާފައިވަނީ 19 ވެހިކަލްގެ ޖާގަ އޮންނަ ޕާކިން ސިސްޓަމެކެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ވިދާޅުވީ، ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ޕާކިން ސިސްޓަމެއް ގާއިމް ކުރަން ނިންމީ، އޭޑީކޭއަކީ ގިނަ އަދަދެއްގެ މީހުން ހިދުމަތް ހޯދަން ދާ ތަނަކަށް ވެފައި، ކާރުތަކުގައި އަންނަ ފަރާތްތަކަށް ޕާކްކުރާނެ ޖާގަ ހޮސްޕިޓަލުގައި ނެތުމުން އެފަދަ މީހުންނަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން މިހާރު އިންސްޓޯލްކޮށްފައިވާ ސިސްޓަމުން އެ ދަތިކަން ވަރަށް ބޮޑުތަން ކުޑަކޮށްދޭނެ ކަމަށް ވެސް އައްފާލް ވިދާޅުވި އެވެ.

އޭޑީކޭގެ ކާ ޕާކިން ސިސްޓަމްގައި އެއްފަހަރާ 19 ވެހިކަލް ޕާކް ކޮށްލެވޭނެ އެވެ. ކާރެއް ޕާކު ކޮށްދެނީ ހަތަރު ގަޑި އިރަށް 50 ރުފިޔާ އެވެ. ހަތަރު ގަޑި އިރަށްވުރެ އިތުރުވާ ކޮންމެ ގަޑިއިރަކަށް 60 ރުފިޔާ ޗާޖް ކުރާނެ އެވެ.

"އަގުތައް ކަނޑައަޅާފައިވާ ގޮތަކީ، ހޮސްޕިޓަލަށް އާންމުކޮށް ހިދުމަތް ހޯދަން އަންނަ މީހުން ތަނުގައި އާންމުކޮށް މަޑުކުރަން ޖެހޭނީ އެންމެ ގިނަ ވެގެން ހަތަރު ގަޑިއިރު. އެހެންވީމަ ހަތަރު ގަޑިއިރު ލިމިޓެއްގެ ގޮތުގައި ހިފަހައްޓަން މަސައްކަތް ކޮށްފައި މިވަނީ. ހަރަތު ގަޑިއިރަށްވުރެ އިތުރުވާނަމަ އިތުރަށް ޗާޖު ކުރާނީ،" އައްފާލް ވިދާޅުވި އެވެ.

މި ނޫނަސް ޕާކިންގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، މަޖީދީ މަގުގެ ކަންމައްޗަށް ވާގޮތަށް ކުރީގެ ހެލްތު ސެންޓަރު ހުރި ތަނުގައި އޭޑީކޭއިން އިމާރާތްކުރާ އާ އިމާރާތުންވެސް ބައެއް ޕާކިންއަށް ހާއްސަކުރަން އެ ހޮސްޕިޓަލުން ވަނީ ނިންމާފަ އެވެ. ސައިކަލް ޕާކު ކުރެވޭނެ އިންތިޒާމްތަކާއެކު އެ އިމާރާތް ހުޅުވާއިރު އެތަނުގައި އެއްފަހަރާ 300 ސައިކަލު ޕާކް ކުރެވޭނެ ކަމަށް ވެސް އައްފާލް ވިދާޅުވި އެވެ.