ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ ޗައިނާގެ ސިޔާދަތީ ބާރުހިނގާ ސަރަހައްދެއް ކަަމަށް އެގައުމުން ދައުވާކުރާތީ އެކަމަށް ގޮން ޖެހުމުގެ ގޮތުން އެ ސަރަހައްދަށް މަނަވަރުތައް ފޮނުވާނެ ކަމަށް ފްރާންސާއި އިނގިރޭސިވިލާތުން ބުނެފިއެވެ.
އދ.ގެ ދާއިމީ މެމްބަރުކަން އޮންނަ އެ ދެގައުމުން މިހެން ބުނީ " ޝަންގްރިލާ ޑައިލޮގް"ގެ ނަމުގައި ކޮންމެ އަހަރަކު ބާއްވާ ސަލާމަތީ ބައްދަލުވުންތަކުގެ ތެރެއިން މިއަަހަރުގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުން އޮތީ ޖޫން 1-3 އަށް ސިންގަޕޫރުގައެވެ. ދެގައުމުން ވެސް ބުނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް މަނަވަރުތައް ފޮނުވަނީ " ކަނޑުދަތުރުކުރުމުގެ މިނިވަަންކަން" ބޭނުންކުރުމަށާއި އެ ސަރަހައްދު އަސްކަރީ ކުރުމަށް ޗައިނާއިން ކުރާ މަސައްކަތްތަކާ ދެކޮޅުހެދުމަށް ކަަމަށެވެ.
" ފްރާންސްގެ މެރިޓައިމް ޓާސްކް ގްރޫޕް ޔޫކޭގެ ހެލިކޮޕްޓަރުތަކާއި މަަނަވަރުތަކާ އެކުގައި އަންނަ ހަފުތާގައި ސިންގަޕޫރަށް ޒިޔާރަތްކުރާނެ. ދެން އަދި ދެކުނު ޗައިނާ ކަނޑުގެ ބައެއް ސަރަހައްދުތަކަށް ވެސް ދަތުރުކުރާނެ،" ފްރާންސްގެ އާމްޑް ފޯސަސް މިނިސްޓަރު ފްލޮރެންސް ޕާލީ ވިދާޅުވި ކަމަށް ސައުތު ޗައިނާ މޯނިން ޕޯސްޓް ނޫހުގެ ހަބަރުގައި ވެއެވެ.
އޭނާ ވިދާޅުވީ ފްރާންސަކީ ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ މެދު ދައުވާ ކުރާ ގައުމަކަށް ނުވިޔަސް އެކުވެރި ގައުމުތަކާ އެކު އެފަދަ ހަރަކާތްތަކުގައި ބައިވެރިވަނީ އެއީ ( ދެކުނު ޗައިނާ ކަނޑުގެ ސިޔާދަތީ ބާރު ވަކި މިވެނި ގައުމަކަށް ނެތް ކަމަށް ގަބޫލުކުރާ ކުރުން) ގާނޫނުގެ މަތީގައި ބިނާވެފައިވާ ހަމައެއް ކަމަށް ވާތީ ކަމަށެވެ.