ހަބަރު

ދެ ފަނޑިޔާރުންނަށް ކުރާ ރިޝްވަތު ދައުވާގެ ޝަރީއަތް މާދަމާ

ފަނޑިޔާރު އަލީ ހަމީދު އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު: އެ ދެ ބޭފުޅުންނަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާ ޝަރީއަތް މާދަމާ ފަށަނީ - އަހުމަދު ޝުރާއު | އަވަސް
0%
0%
0%

އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މައްޗައް ކުރާ ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ކުރިމިނަލް ކޯޓްގައި ތައާވަލް ކޮށްފި އެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓްގައި ތައާވަލް ކޮށްފައިވަނީ މާދަމާ މެންދުރު 12:00 އަށެވެ.

މި ދައުވާގެ އިތުރުން ވެސް އިތުރު ދައުވާތަކެއް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރެ އެވެ. އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ދެ ބޭފުޅުންގެ މައްޗަށް ކުރާއިރު ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ނިންމައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފް ކުރުމުން، ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ނަމަވެސް ކުރިމިނަލް ކޯޓުން އެ ބޭފުޅުންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މުއްދަތު ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން ޖަލު އަދަބު ލުއިކޮށްފައި ވަނީ، އެއް އަހަރާއި ދެ މަހާއި 12 ދުވަހަށެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ. އެ ދައުވާކުރަނީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބުނެ އެވެ. އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް ވަނީ އިއްވާފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުން ވަނީ ނިންމާލައްވާފަ އެވެ. ދެން އޮންނަ ޝަރީއަތެއްގައި އެ މަައްސަލައިގައި ގޮތެއް ނިންމުން އޮންނާނެ އެވެ.

އެކެއް ފެބުރުއަރީގެ އަމުރު ނެރުނު މައްސަލާގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ. ޓެރަރިޒަމް މައްސަލާގެ ޝަރީއަތް މިހާރު ކުރިއަށްދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345