ކުޅިވަރު

ވިކްޓަރީއަށް މިފަހަރުވެސް އީގަލްސް އަތުން މޮޅުނުވެވުނު

މާލޭ ލީގްގެ ފުރަތަމަ މެޗު ވިކްޓަރީން ފެށީ އީގަލްސް އަތުން ބަލިވުމުން ހިތްދަތި ގޮތަކަށެވެ. ދެ ވަނަ ބުރުގައި ވެސް އީގަލްސް އަތުން ވިކްޓަރީއަށް މޮޅު ނުވެވުނެވެ. ރޭގެ މެޗު އީގަލްސް ކާމިޔާބު ކުރީ 2-1 ންނެވެ.

މާލޭ ލީގްގެ ފުރަތަމަ މެޗުގައި، ވިކްޓަރީ އަތުން އީގަލްސް މޮޅުވީ 4-1 ންނެވެ. އޭރު ވިކްޓަރީގެ ކުޅުންތެރިންގެ ފިޓްނަސް ހުރި ގޮތުން އެޓީމުގެ ކޯޗް ލާސްލޯ ކިސް ވެސް އެކަމާ ކަންބޮދުވުން ފާޅު ކުރި އެވެ.

ފުރަތަމަ ބުރުގެ މެދަކާ ހަމަޔަށް ދެވުނު އިރު، ވިކްޓަރީގެ ހާލަތު ރަނގަޅު ވެގެން ދިޔަ އެވެ. ރޭގެ މެޗަށް ވިކްޓަރީ ނިކުތީ އީގަލްސް އަތް ދަށުވެ ގޯސް ފެށުމަކުން ފަށަން ޖެހުނު ހާލަތު ހަނދާން ނައްތާލުމަށް ފަހު އީގަލްސް އަތުން ބަދަލު ހިފުމަށެވެ.

ނަމަވެސް ވިކްޓަރީގެ ހާލަތު ރަނގަޅު ރަނގަޅުވެ ގަދަ ހަތަރަކަށް ވާދަ ކުރަމުން ދިޔައިރުވެސް އީގަލްސް އަތް ދަށުން ވިކްޓަރީ އަށް ސަލާމަތެއް ނުވެވުނެވެ.

ރޭގެ މޮޅާއެކު އީގަލްސް ތިން ވަނަ އަށް ޖެހިލައި ވިކްޓަރީ ވަނީ ފަސް ވަނައަށް ވެއްޓިފަ އެވެ. މޮޅާއެކު އީގަލް ވަނީ 21 ޕޮއިންޓް ހޯދައި، ޕޮއިންޓްގެ ގޮތުން މާޒިޔާއާ އަރާ ހަމަ ކޮށްފަ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ލީޑް ނެގީވެސް އީގަލްސްއިންނެވެ. މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި އީގަލްސްގެ ލަނދު ކާމިޔާބު ކުރީ ހަސަން ރާއިފް (ހަންނަ) އެވެ.

ވިކްޓަރީން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގައެވެ. މެޗުގެ 63 ވަނަ މިނެޓްގައި އެ ޓީމަށް ލަނޑު ޖަހައި ދިނީ އިބްރާހިމް ހަމްދާން (ބީޖީ މެސީ) އެވެ. އީގަލްސް މޮޅު ކޮށްދިން ލަނޑު 83 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު ރިޒްވާން (ރިޒޭ) އެވެ.