ފިނިޕޭޖް

ވިކީއަށް ބިރުވެރި ފިލްމަކުން ފުރުސަތު

މިދިޔަ މަހު ރިލީޒްކުރި މޭގަން ގުލްޒާރްގެ ފިލްމު "ރާޒީ" އަށްފަހު އެފިލްމުގައި އާލިއާ ބަޓްއާއެކު ލީޑުން ފެނިގެންދާ އެކްޓަރު ވިކީ ކޯޝާލްއަށް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

މި މަހު ރިލީޒްކުރާ ނެޓްފްލިކްސްގެ ކުރު ފިލްމު ސީރީޒް "ލަސްޓް ސްޓޯރީސް" ގައިވެސް އެނާ ފެނިގެންދާނެ އެވެ. އެ ފިލްމު ސީރީޒްއަކީ ބޮލީވުޑް ކުޅަދާނަ ޑައިރެކްޓަރުންތަކެއް ގުޅިގެން ގެނެސްދޭ ސީރީޒްއެކެވެ.

ފިލްމުފެއާއިން ރިޕޯޓުކުރި ގޮތުގައި ވިކީއަށް މިހާރު ވަނީ އިތުރު ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިފަ އެވެ. އޭނާއަށް ފުރުސަތު ލިބިފައި ވަނީ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަން އިން ތައްޔާރުކުރާ ބިރުވެރި ފިލްމަކުންނެވެ.

އެ ފިލްމު ޑައިރެކްޓުކުރަނީ ބާނޫ ޕްރަތާބް ސިންހު އެވެ. ވިކީ ކުރިން ކުޅުނު ފިލްމު ޒުބާންގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ބާނޫ މަސައްކަތްކޮށްފައިވެ އެވެ. ވިކީ ލީޑުން ފެނިގެންދާނެ މި ފިލްމަކީ އޭނާގެ ފުރަތަމަ ބިރުވެރި ފިލްމެވެ.

ވިކީ މިހާރު މަސައްކަތް ކުރަމުން އަންނަނީ ރޯނީ ސްކްރޫވާލާގެ ފިލްމެއްގަ އެވެ. އެ ފިލްމަކީ 2016 ވަނަ އަހަރު އިންޑިއާގެ ޖައްމޫ ކަޝްމީރު ސްޓޭޓް ރަށެއް ކަމަށްވާ ޔޫރީގައި ހަނގުރާމަވެރި ބަޔަކު ދިން ހަމަލާތަކުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.