ހަބަރު

ދެފުށް ފެންނަ ޑިމޮކްރެޓިކް ގައުމަކަށް ރާއްޖެ ހަދަން ތައްޔާރު: ކެޝަޕް

ރާއްޖެއަކީ ދެފުށް ފެންނަ ޑިމޮކްރެޓިކް ނިޒާމެއް އޮތް ގައުމަކަށް ހެދޭނެ ކަމަށާއި އެކަމަށް އެމެރިކާއިން އޮތީ ތައްޔާރަށް ކަމަށް ރާއްޖެއަށާއި ސްރީލަންކާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައި މިހާރު ހުންނެވީ އަތުލް ކެޝަޕް ވިދާޅުވެއްޖެ އެވެ.

ސިޔާސީ ލީޑަރުންނަށާއި ގިނަ ފަރާތްތަކަށް ދައުވަތުދީގެން ހޮޓެލް ޖެންގައި ބޭއްވި ރޯދަ ވީއްލުމުގައި ކެޝަޕް ވިދާޅުވީ، ރާއްޖެއަކީ މި ރީޖަންގައި ދެފުށް ފެންނަ ޑިމޮކްރަސީއެއް އޮތް ގައުމަކަށް ހެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެކަމަށްޓަކައި އެމެރިކާއިން އޮތީ ރާއްޖެއާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށެވެ.

ކެޝަޕް ވިދާޅުވީ، ރާއްޖެއާ ގުޅިގެން މަސައްކަތްކޮށް ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރަން ޖެހޭ ކަމަށާއި އެކަމަށް ތައްޔާރަށް އޮތް ކަމަށެވެ. އަދި ކުރިއަށްއޮތް ޖީލުތަކަށް މިއަށްވުރެ ރަނގަޅު ނިޒާމެއް ގާއިިމްކޮށް ލިބޭ ފުރުސަތު ތަކުގެ ބޭނުން ހިފޭނެ ގޮތް ހަދައިދޭން ޖެހޭ ކަމަށް ކެޝަޕް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލްކުރާ ގޮތުގައި ގުޅިގެން މަސައްކަތް ކޮށްފިނަމަ އަޅުގަނޑުމެންނަށް މިކަންކަން ހާސިލްވާނެ، އަދި މިޔަށްފުރެ ފަހި މުސްތަގުބަލެއް ގާއިމް ކުރެވޭނެ،" ކެޝަޕް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 2004 ވަނަ އަހަރުން ފެށިގެން އެކި މިނިސްޓްރީތަކާއި ގުޅިގެން ރާއްޖޭގައި ޑިމޮކްރަސީއާއި އެޑިއުކޭޝަން އަދި މިނިވަންކަން ގާއިމް ކުރުމާއި ގުޅޭ އެތައް ޕްރޮގްރާމެއް ހިންގާފައިވާނެ ކަމަށެވެ. ރާއްޖެއާއެކު މަސައްކަތް ކުރުމަކީ ލިބިގެންދާ ޝަރަފެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމާއި ލައިފްސްޓައިލް އިތުރަށް ތަރައްގީ ކުރުމަށް އެކުގައި އަތުގުޅާލައިގެން މަސައްކަތް ކުރުމަަށް އަބަދުވެސް ތައްޔާރަށް އޮތް ކަމަށް ކެޝަޕް ވިދާޅުވި އެވެ.

އެމެރިކާގެ އިންޓަނޭޝަނަލް ޑެވެލޮޕްމެންޓުން ރާއްޖޭގައި ހިންގި ޕްރޮގްރާމްތަކަށް އަލިއަޅުވާލައި ކެޝަޕް ވިދާޅުވީ، ޅ. ހިންނަވަރުގައި ސާފުފެން ފޯރުކޮށް ދިނުމަށް ޑީސަލިނޭޝަން ސިސްޓަމެއް ބަހައްޓާފައިވާނެ ކަމަށާއި އޭގެން 4000 އަށްވުރެ ގިނަ ގެއަށް ސާފު ބޯފެން ލިބިގެންދާ ކަމަށެވެ. އަދި ރާއްޖޭގެ ފަރުތައް ހިމާޔަތް ކުރުމަށް ސަރުކާރާއެކު ގުޅިގެން މަސައްކަތް ކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިއީ ކެޝަޕް ޖެހި ޖެހިގެން ރޯދަ ވީއްލުމެއް ބޭއްވި ތިން ވަނަ އަހަރެވެ. ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ މަގާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އާ ބޭފުޅަކު އައްޔަން ކުރައްވާފަ އެވެ. އައްޔަން ކުރައްވާފައިވަނީ އެލައިނާ ބީ ޓެޕްލިޒް އެވެ. އޭނާ މިހާރު ހުންނެވީ އެމެރިކާއިން ނޭޕާލަށް ކަނޑައަަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގަ އެވެ.