ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅިގެން ރާއްޖޭގައި އަލަށް ޕްލާސްޓިކް ފުޅި ރީސައިކަލްކުރާ ރިވާސް ވެންޑިން މެޝިނެއް ބަހައްޓައި އިފްތިތާހުކޮށްފި އެވެ. މި މެޝިން ރަސްފަންނުު ކައިރިން ބަހައްޓާފައިވަނީ އައިޖީއެމްއެޗް އިމާރާތުގެ، ބޮޑު ތަކުރުފާނުމަގާއި ތާޖުއްދީން ހިނގުން ގުޅޭ ކަންމަތީގައެވެ.
މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީއާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް، އައިބީއެމް ގުޅިގެން، ބެހެއްޓި "ސްމާޓް ބިން" ރިވާސް ވެންޑިން މެޝިން އިފްތިތާހު ކޮށްދެއްވީ މިރޭ ރަސްފަންނު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބުރާހިމް ފަޒުލް ރަޝީދެވެ.
ސްމާޓް ބިން އަކީ މިހާތަނަށް ރާއްޖޭގައި ޕުލާސްޓިކް ފުޅި ރީސައިކަލް ކުރުމަށްޓަކައި ބެހެއްޓި ފުރަތަމަ މެޝިނެވެ. ދުވާލަކު 538 ޕުލާސްޓިކް ހުސް ފުޅި އެޅޭ މި މެޝިން މެދުވެރިކޮށް 300 އެމްއެލް އިން ފެށިގެން 1.5 ލީޓަރުގެ ކޮންމެ ވައްތަރެއްގެ ފުޅި އެޅޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، ސްމާޓް ބިން މެދުވެރިކޮށް ކަސްޓަމަރުން ރީސައިކަލްކުރާ ކޮންމެ ފުޅިއަކަށް 0.15 ޕޮއިންޓް ލިބިގެންދާނެ ކަމަށާއި މި މެޝިނުން ލިބޭ ޕޮއިންޓް ގެ މައުލޫމާތު އެމްޑަބްލިޔުއެސްސީ އެޕް މެދުވެރިކޮށް، އެޕް ބޭނުން ކުރާ ފަރާތްތަކަށް ލިބިގެންދާނެ އެވެ. އަދި އެޕް ބޭނުން ނުކުރާ ފަރާތްތަކަށް އެސްއެމްއެސްގެ ޒަރިއްޔާއިން ޕޮއިންޓް ލިބިގެންދާނެ ކަމަށާއި އެ ޕޮއިންޓަކީ ފަހުން ބޭނުން ވެއްޖެ ހިދެއްގައި އެޕްލިކޭޝަން މެދުވެރިކޮށް ރިޑީމް ކުރެވޭނެ ޕޮއިންޓެއް ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެސްއެމްއެސް މެދުވެރިކޮށް ލިބޭ ޕޮއިންޓް އެޕް ބޭނުންކުރާ އެހެން ފަރާތަކާ ހިއްސާވެސް ކުރެވޭނެ އެވެ. އެއްކުރެވޭ ޕޮއިންޓްތަކުން 30 ޕޮއިންޓް ހަމަވުމުން އެމްޑަބްލިޔުއެސްސީގެ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާއިރު، މި އަދަދު އުނިކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަދު ފެށިގެން މިދިޔައީ އާ ކަމެއް ކަމަށާއި މިކަމުގައި ގޮންޖެހުންތަކެއް ހުންނާނެ ނަމަވެސް މިހާރު މިތިބީ ރަނގަޅު ހިސާބަކަށް އާދެވިފަ ކަމަށެވެ. މިކަހަލަ އާ ޓެކްނޮލޮޖީ ގެނެސްގެން މަސައްކަތް ކޮށްފިނަމަ މިއަދުގެ ޝިއާރު، "ބީޓް ޕްލާސްޓިކް ޕޮލިއުޝަން" އަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޕްލާސްޓިކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވެންހުރި މަސައްކަތްތައް ހަލުވިކަމާއެކު ކުރުން ކަމަށެވެ. އަދި ރާއްޖެއަކީ ހުރިހާއެންމެންގެ ތަނެއް ކަމަށާއި ރާއްޖެ ސާފުކޮށް ބެހެއްޓުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ކަމަށް ނުދެކި ހުރިހާ އެންމެން ގުޅިގެން ސާފު ރާއްޖެއަކަށް ހެދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ފަޒުލް ވިދާޅުވީ، މި މެޝީންގެ ބޭނުން އާންމު ރައްޔިތުން ހިފައި މީގެ ބޭނުން ހުއްޓާނުލާ ކުރުން ކަމަށެވެ. މިއީ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ހުޅުމާލެ ސެންޓްރަލް ޕާކްގައި މީގެ ދެވަނަ ބިން އެއް ބަހައްޓާނެ ކަަމަށް ފަޒުލް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ، މި ޕައިލެޓް ޕްރޮޖެކްޓް އިތުރަށް ފުޅާ ކުރުމަށް ވިސްނާ ކަމަށާއި ހުޅުމާލޭގައި ބެހެއްޓޭ ބިން އިން ލިބޭ ނަތީޖާއަށް ބަލައި އިތުރަށް ފުޅާ ކުރާނެ ކަމަށެވެ. އަދި މި ފުޅިތައް ރިސައިކަލް ކުރުމަށްފަހު އުފައްދާ އުފެއްދުންތައް މާކެޓަށް ނެރޭނެ ކަަަމަށް ފަޒުލް ވިދާޅުވި އެވެ.