ދުނިޔެ

ކިމް-ޓްރަމްޕް ސަމިޓް އޮންނާނީ ސެންތޯޒާ ޖަޒީރާގައި

އުތުރު ކޮރެއާގެ ލީޑަރު ކިމްޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ބާއްވަަވަން އުޅުއްވާ ތާރީހީ ބައްދަލުވުން އޮންނާނީ ސިންގަޕޫރުގެ ސެންތޯޒާ އައިލެންޑް ނަމަކަށް ކިޔާ ރަށުގައިވާ ކަޕެއްލާ ނަމަކަށް ކިޔާ ފަސް ތަރީގެ ހޮޓަލެއްގައި ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ބުނެފި އެވެ.

އަންނަ އަންގާރަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ ބައްދަލުވުން އޮންނާނެ ތަން ހާމަކުރި ނަމަވެސް އެ ބައްދަލުވުމާބެހޭ ގިނަ ތަފުސީލުތައް އަދި ދެ ގައުމުން ވެސް ހާމައެއް ނުކުރެ އެވެ. އެމެރިކާގެ ރައީސް ޓްރަމްޕް އިއްޔެ ވިދާޅުވީ ބައްދަލުވުމާބެހޭ ރޭވުންތައް ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

"ދަތުރުގެ ކުރިން ވަރަށް ގިނަ ގުޅުންތައް އުފެދި ވަރަށް ގިނަ މަޝްވަރާތައް ކުރެވިއްޖެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

ބައްދަލުވުން އޮންނާނީ ސެންތޯޒާ ޖަޒީރާގައި ކަން ކަށަަވަރު ކޮށްދެއްވީ ވައިޓްހައުސްގެ ތަރުޖަމާނު ސާރާ ސޭންޑާސް ރޭގައި ކުރެއްވވި ޓްވީޓެއްގަ އެވެ.

ސެންތޯޒާއަކީ ސިންގަޕޫރުގެ 63 ރަށުގެ ތެރެއިން އެއް ރަށެވެ. ބޮޑުމިނުގައި 500 ހެކްޓަރު ހުންނަ އެރަށަކީ ސިންގަޕޫރުގެ މައި ރަށާ ވަރަށް ކައިރީގައިވާ ރަށެކެވެ. އެރަށަކީ ލަގްޒަރީ ހޮޓާތަކާއި ޕްރައިވެޓް މެރީނާތަކާއި ގޮލްފްކޯޒްތައް އޮންނަ ރަށެކެވެ. ނަމަވެސް އެއީ ބޮޑެތި ލޭ އޮހޮރުވުންތަކާއި ކަނޑުފޭރުމުގެ ތާރީހެއް އޮންނަ ރަށެކެވެ.