ހޮލީވުޑް

ބަމްބުލްބީ: ޓްރެއިލާއެކު ކުރެވޭ އިންތިޒާރު ބޮޑުވެއްޖެ

ޓްރާންސްފޯމާސް ޔުނިވާސްގައި ހިމެނޭ އޮޓޯބޮޓް "ބަމްބުލްބީ" ގެ ފިލްމުގެ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ. އެންމެފަހުން ނިކުތް ޓްރާންސްފޯމާސްގެ ފިލްމު "ޓްރާންސްފޯމާސް: ދަ ލާސްޓް ނައިޓް" ގެ ނާކާމިޔާބުވުމުން މި ފިލްމަށް ކުރެވޭ އުއްމީދުތައް ބޮޑުވާނެ އެވެ.

"ބަންބުލްބީ" އަކީ ޓްރާންސްފޯމާސްގެ ޔުނިވާސްގައި އޮޓޯބޮޓް "އޮޕްޓިމަސް ޕްރައިމް" އަށްފަހު އެންމެ ގިނަ ބަޔަކަށް ކަމުދާ އޮޓޯބޮޓް އެވެ. ރީނދު ކުލައިގައި އިންނަ މި އޮޓޯބޮޓް ކިތައްމެ ކުޑަޔަސް ނުކުރެވޭ ކަމެއް މަދުވާނެ އެވެ. ބާރުވެސް ގަދަ އެވެ. ގިނަ މީހުނަށް މި އޮޓޯބޮޓް ކަމުދަނީވެސް މިހެންވެ އެވެ.

ލައިވް އެކްޝަން މި ފިލްމު ޑައިރެކްޓުކުރަނީ ޓްރާވިސް ނައިޓް އެވެ. މީގެ ކުރިން ޓްރާންސްފޯމާސް ފްރެންޗައިޒްގެ ހުރިހާ ލައިވް އެކްޝަން ފިލްމުތަކެއް ޑައިރެކްޓުކުރީ މައިކަލް ބޭ އެވެ. މިފަހަރު ޑައިރެކްޓަރު ބަދަލުވުންވެސް މިއީ ފިލްމަށް ކުރާ އިންތިޒާރު ބޮޑުވާ ސަބަބެކެވެ. ޓްރާވިސް ކުރިން ޑައިރެކްޓުކުރި ފިލްމުތަކުގެ ތެރޭގައި "ކޫބޯ" އަދި "ޓޫ ސްޓްރިންގްސް" ފާހަގަކޮށްލެވެ އެވެ.

އަށްޑިހާއިގެ އަހަރުތަކުގައި ހިނގި ކަމެއްގެ ގޮތުގައި މި ފިލްމު ގެނެސްދޭއިރު ފިލްމުގައި ލީޑުން ފެނިގެންދަނީ ހެއީލީ ސްޓައިންފެލްޑް އާއި ޖޯން ސީނާ އެވެ. މި ފިލްމުގައި ހެއިލީ ކުޅެނީ ޒުވާން އުމުރުގެ އަންހެން ކުއްޖެ ރޯލެވެ. ވާހަކަ ބިނާވެފައި އޮންނަނީ ހެއިލާ އާއި ބަމްބުލްބީ ދިމާވުން އެ ދެމީހުން ދެމެދުގައި އުފެދޭ ހާއްސަ ގުޅުމުގެ މައްޗަށެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަނީ ޑިސެމްބަރު 21 ގަ އެވެ.