ހަބަރު

ޕްރައިމަރީ ބާއްވަން ނުކުތް ކައުންސިލަރުންގެ މައްސަލަ ބަލަނީ

އެމްޑީޕީން ބޭއްވި އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގެ ކަންކަމުގައި ބައިވެރިވި ކައުންސިލަރުންގެ މައްސަލަ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ، އެލްޖީއޭއިން ބަލަން ފަށައިފި އެވެ.

ޕްރައިމަރީގައި ކައުންސިލަރުން ބައިވެރިވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެލްޖީއޭއިން ވަނީ ބައެއް ކައުންސިލްތަކަށް ސިޓީ ފޮނުވާފަ އެވެ. އަދި އެކަން ހިނގައިދިޔަ ގޮތް ލިޔުމުން ސާފު ކޮށްދިނުމަށް ވެސް އަންގާފައިވެ އެވެ.

އެމްޑީޕީއިން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކުރިއަށް ގެންދިޔައީ ސިވިލް ކޯޓުން އެ ޕްރައިމަރީ ހުއްޓުވަން ފުލުހުންގެ މައްޗަށް އަމުރެއް ނެރަފައިވަނިކޮށެވެ. އަދި އިލެކްޝަން ކޮމިޝަން، އީސީއިން އެއީ ގާނޫނާ ހިލާފު އިންތިހާބެއް ކަމަށް ބުނެފައިވަނިކޮށެވެ. އެ އިންތިހާބުގައި ވާދަކުރެއްވީ ޖަލު ހުކުމެއްގައި ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.

އިލެކްޝަން ކޮމިޝަނުން ޕްރައިމަރީ ގާނޫނާ ހިލާފު ކަމަށާއި ކުރިއަށް ގެންގޮސްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވަނިކޮށް ވެސް ޕްރައިމަރީ ބާއްވާފައިވާތީ އެމްޑީޕީއާމެދު ފިޔަވަޅު އަޅަން އެ ކޮމިޝަނުން ދަނީ ވިސްނަމުންނެވެ.