ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު، ފުލުހުންގެ ތަހުގީގަށް އޭނާގެ ފޯނުގެ ޕިން ޖަހައި ނުދިން މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފި އެވެ.
ފުލުހުން ތަހުގީގު ކުރާ މައްސަލައަކަށް ރިޔާޒުގެ ފޯނު ހުޅުވާ ނުދިން ކަމަށް ބުނެ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އޭނާގެ މައްޗަށް ދައުލަތުން ކުރީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ. އެ މައްސަލާގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ. އެކަމަކު މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމީ ކުށް ސާބިތުވާ ކަމަށެވެ.
ރިޔާޒު މިހާރު ހުންނެވީ އެ ހުކުމް ތަންފީޒުކުރައްވަން މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގަ އެވެ.
ރިޔާޒުގެ މައްޗަށް ހައިކޯޓުން އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންވެ އެ ހުކުމަށް ސުޕްރީމް ކޯޓުން ތާއިދު ކުރި ނަމަވެސް އޭނާގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.
ރިޔާޒު މިހާރު ހުންނެވީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގައި ޝަރީއަތް ނިމެންދެއް ބަންދުކޮށްފަ އެވެ. އަދި އެކެއް ފެބްރުއަރީގެ އަމުރަށްފަހު އެސްއޯ އިއުލާންކޮށް އޭނާ ހައްޔަރު ކުރުމަށް ފަހު އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލައިފަ އެވެ.