އުތުރު ކޮރެއާގެ ލީޑަރު ކިމްޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އަންނަ އަންގާރަ ދުވަަހު ސިންގަޕޫރުގައި ބާއްވަވާ ބައްދަލުވުމަށްޓަކައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމުގެ ގޮތުން ސިންގަޕޫރުގެ ވައިގެ ސަރަހައްދު ވަކި ވަގުތުތަކެއްގައި ބަންދުކުރަން ނިންމައިފި އެވެ.
އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އިކާއޯ) އާއި އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) ގެ ވެބްސައިޓުގައި ޖެހި ނޯޓިސްއެއްގައި ބުނެފައިވާ ގޮތުގައި ސިންގަޕޫރުގެ ވައިގެ ސަރަހައްދު ބަންދު ކުރާނީ ޖޫން 11 ވަނަ ދުވަހާއި 12 ވަނަ ދުވަހާއި 13 ވަނަ ދުވަހުގެ ވަގުތުތަކެއްގަ އެވެ. ކިމްއާއި ޓްރަމްޕްގެ ބައްދަލުވުން އޮންނާނީ 12 ވަނަ ދުވަހު އެވެ.
އެ ބައްދަލުވުން އޮންނާނީ ސިންގަޕޫރުގެ ސެންތޯޒާ އައިލެންޑްގައިވާ ކަޕެއްލާ ހޮޓަލުގައި ކަން އެމެރިކާ ސަރުކާރުން މިހާރުވަނީ ހާމަކޮށްފަ އެވެެ. އަންނަ އަންގާރަ ދުވަހު ބާއްވާ އެ ބައްދަލުވުން އޮންނާނެ ތަން ހާމަކުރި ނަމަވެސް އެ ބައްދަލުވުމާބެހޭ ގިނަ ތަފުސީލުތައް އަދި ދެ ގައުމުން ވެސް ހާމައެއް ނުކުރެ އެވެ. އެމެރިކާގެ ރައީސް ޓްރަމްޕް އިއްޔެ ވިދާޅުވީ ބައްދަލުވުމާބެހޭ ރޭވުންތައް ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
"ދަތުރުގެ ކުރިން ވަރަށް ގިނަ ގުޅުންތައް އުފެދި ވަރަށް ގިނަ މަޝްވަރާތައް ކުރެވިއްޖެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.
ބައްދަލުވުން އޮންނާނީ ސެންތޯޒާ ޖަޒީރާގައި ކަން ކަށަަވަރު ކޮށްދެއްވީ ވައިޓްހައުސްގެ ތަރުޖަމާނު ސާރާ ސޭންޑާސް ރޭގައި ކުރެއްވވި ޓްވީޓެއްގަ އެވެ.
ސެންތޯޒާއަކީ ސިންގަޕޫރުގެ 63 ރަށުގެ ތެރެއިން އެއް ރަށެވެ. ބޮޑުމިނުގައި 500 ހެކްޓަރު ހުންނަ އެރަށަކީ ސިންގަޕޫރުގެ މައި ރަށާ ވަރަށް ކައިރީގައިވާ ރަށެކެވެ. އެރަށަކީ ލަގްޒަރީ ހޮޓާތަކާއި ޕްރައިވެޓް މެރީނާތަކާއި ގޮލްފްކޯޒްތައް އޮންނަ ރަށެކެވެ. ނަމަވެސް އެއީ ބޮޑެތި ލޭ އޮހޮރުވުންތަކާއި ކަނޑުފޭރުމުގެ ތާރީހެއް އޮންނަ ރަށެކެވެ.
ސިންގަޕޫރުގެ މީޑިއާތަކުން މިއަދު ބުނީ ސަމިޓަށް ވަޑައިގެން ޓްރަމްޕް ހުންނަވާނެ ކަމަށް ބެލެވެނީ ޝަންގްރިއްލާ ހޮޓަލުގައި ކަަމަށާއި ކިމް ހުންނަވާނެ ކަމަށް ބެލެވެނީ ސެއިންޓް ރެޖިސް ހޮޓަލުގައި ކަމަށެވެ. އެ ދެ ހޮޓާ ހުންނަ ސަރަހައްދު ވެސް ސިންގަޕޫރު ސަރުކާރުން މިހާރު ވަނީ ހާއްސަ ހަރަކާތް އޮންނަ ސަރަހަައްދެއް ކަަމަށް ކަނޑަައަޅައި ސަލާމަތީ ފިޔަވަޅުތައް ވަރުުގަދަކޮށްފަ އެވެ.