ދުނިޔެ

ކިިމް-ޓްރަމްޕް ސަމިޓަށް 20 މިލިޔަން ޑޮލަރު ހަރަދުވާނެ: ސިންގަޕޫރު

އުތުރުކޮރެއާގެ ލީޑަރު ކިމްޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމް އަންނަ އަންގާރަދުވަހު ސިންގަޕޫރުގައި ބާއްވާ ސަމިޓުގެ އިންތިޒާމްތައް ހަމަޖެއްސުމަށް 20 މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށް ސިންގަޕޫރުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޫން ވިދާޅުވީ އެެއަދަށް ފައިސާ ހަރަދުކުރަން ސިންގަޕޫރު އޮތީ ތައްޔާރަށް ކަމަށާއި ކިމްއާއި ޓްރަމްޕްގެ ބައްދަލުވުމަކީ ސިންގަޕޫރުގެ މަސްލަހަތު އޮތް ކަމެއް ކަމަށެވެ.

" މިއީ އަހަރެމެން ދައްކަން ތައްޔާރަށް ތިބި އަގެއް،" ސަމިޓަށް ހިނގާ ހަރަދާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަމިޓަށް ހިނގާ ހަރަދުގެ ދެބައިކުޅަ އެއް ބަޔަކީ ސަލާމަތީ ކަންކަމަށް ހޭދަވާ ފައިސާ ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާގެ ރައީސްކަމުގައި ހުންނެވި ބޭފުޅަކު އުތުރުކޮރެއާގެ ލީޑަރަކާ ބައްދަލުކުރައްވާ މިއީ ފުރަތަމަ ފަހަރު ކަމަށާއި އެ ބައްދަލުވުމުގެ ސަބަބުން ކޮރެއަން ޕެނިންސިއުލާގައި ހިނގާ ކަންތައްތައް [ރަނގަޅު] އެހެން މަގަަކަށް އެޅުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ސަމިޓުގައި ބައިވެރިވަޑައިގެންނެވުމަށް ދެލީޑަރުން ވެސް މިހާރު ވަަޑައިގެން ތިއްބެވީ ސިންގަޕޫރުގައެވެ. ސަމިޓު ބާއްވަން ހަމަޖެހިފައި ވަނީ ސިންގަޕޫރުގެ ސަންތޯޒާ އައިލެންޑް ނަމަކަށް ކިޔާ ރަށުގައި އަންނަ އަންގާރަ ދުވަހުއެވެ.