ދުނިޔެ

ހަތިޔާރު ވެހިކަލެއް ވަގަށް ނެގި މީހަކު އެމެރިކާގައި ހައްޔަރުކޮށްފި

އެމެރިކާގެ ވާޖީނިއާ ސްޓޭޓުގައި ހަތިޔާރު އެޅި ބަރު އުޅަނދެއް ވަގަށް ނަގައިގެން 60 މޭލަށް ދުއްވި ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ.

އެމެރިކާ އޮފިޝަލުންނާ ހަވާލާދީ ސްކައިނިއުސް ބުނީ ހަތިޔާރުއެޅި އުޅަނދު ވަގަށް ނެގި ސިފައިންގެ މީހާ ހައްޔަރު ކުރެވުނީ ގިނަ އަދަދެއްގެ ފުލުހުން ކާރުތަކުގައި އޭނާ ފަހައި ދުއްވި ފަހުން ކަމަށެވެ. އޭނާ އެވެހިކަލް ވަގަށް ނެގީ ވާޖީނިއާގެ ބްލެކް ސްޓޯން ނަމަކަށް ކިޔާ ރަށުގެ ކައިރީގައިވާ ފޯޓް ޕިކެޓް ނަަމަކަށް ކިޔާ އަސްކަރީ މަރުކަޒުންނެވެ.

ސިފައިންގެ މީހާ ވަގަށް ނެގި އުޅަނދަކީ ޓޭންކްތަކުގައި ހުންނަ ފަދަ 10 ފުރޮޅު އެކުލެވޭ ކެޓަޕިލާ ޓްރެކްގައި ދުއްވާ އުޅަނދެކެވެ. އެ އުޅަނދުގެ ސްޕީޑަކީ ގަޑިއަކު 45 މޭލެވެ. އެހެންވެ ފުލުހުންގެ ކިބައިން ސަލާމަތް ނުވުމުން އޭނާ އަމިއްލަައަށް ވެހިކަލުން ފައިބާ ފުލުހުންނާ ހަވާލުވީއެވެ.

ވާޖީނިއާގެ ނޫސްތަކާ ހަވާލާދީ ސްކައިނިއުސް ބުނީ ސިފައިންގެ މީހާ ވެހިކަލުން ފޭބުމާ އެކު ފުލުހުންގެ ކުއްތާތައް އޭނާއަށް ހަމަލާދިން ކަަމަށާއި ފުލުހުންވެސް އޭނާގެ ގައިގައި ތޭޒާ ( ސްޓަން ގަން) އިން ހަމަލާދިން ކަމަަށެވެ.

ސިފައިންގެ މީހާގެ ވަނަވަރެއް އަދި އޭނާ އެއަމަލު ހިންގި ސަބަބެއް ވާޖީނިއާ ފުލުހުން އަދި ހާމައެއް ނުކުރެއެވެ.