ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް މިއަދު ހަވާލުކުރި ރިޕޯޓް ކާޑްތައް އެކުލަވާލާފައިވަނީ ސްކޫލްތަކުގެ އޮންލައިން ޑޭޓާބޭސް ގެ މައުލޫމާތުތަކުގެ މަށްޗަށް ބިނާކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. ރާއްޖެއަކީ އޮޕަން އީމިސް ބޭނުންކުރާ ގައުމުތަކުގެ ތެރެއިން، ކުދިންގެ ރިޕޯޓް ކާޑް މި ޕްރޮގްރާމްގެ ތެރެއިން އެކުލަވާލާ ފުރަތަމަ ގައުމެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން 2015 ވަނަ އަހަރު އެކުލަވާލި އާ މަންހަޖު ސްކޫލްތަކުގައި ތަންފީޒުކުރަން ފެށުމާއެކު ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންގެ ފެންވަރު ބެލުމަށް އެސެސްމަންޓް ހަދާ އުސޫލުތަކަށް ބޮޑު ބަދަލެއް ގެނައެވެ. އަދި ވަކި ވަކި ކުދިންގެ ފެންވަރާއި ކުދިންގެ ކްލާސް ޕާފޯމަންސް، އޯޕަން އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (އޮޕަން އީމިސް) ނަމަކަށް ކިޔާ އޮންލައިން ޕްލެޓްފޯމެއްގައި ދުވަހުން ދުވަހަށް ޑޭޓާކޮށް އެ ސިސްޓަމްގެ ތެރެއިން އެސެސް ކުރަން ފެށިއެވެ. މި ޕްރޮގްރާމަކީ ސްކޫލާއި ސްކޫލުގައި ކިޔަވައިދޭ ކުދިންނާއި މުދައްރިސުންގެ ހުރިހާ މައުލޫމާތާއި މަސައްކަތްތައް ދުވަހުން ދުވަހަށް އެންޓާކޮށް ރައްކާކުރުމަށް ސްކޫލްތަކުގައި ބޭނުންކުރާ ޕްރޮގްރާމެކެވެ. އީމިސްގައި ދަރިވަރުންގެ ޕާފޯމަންސާ ބެހޭގޮތުން ޓީޗަރުން ހިމަނާ ޑޭޓާތަކާއި އެނޫންވެސް މައުލޫމާތު، ދަރިވަރުންނާއި މުދައްރިސުންގެ ފެންވަރާއި ޕާފޯމަންސް ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީން ބޭނުންކުރާނެ އެވެ.
"އާ މަންހަޖްގެ ތެރެއިން އޮންނަނީ ކޮންމެ ކުއްޖަކު ކިޔަވާ މާއްދާއެއްގެ ތަފާތު ޓޮޕިކްތަކުންވެސް އެކުއްޖަކަށް ހާސިލްކުރެވޭ މިންވަރު އެނގޭ ގޮތަކަށް އެސެސްމަންޓް ހެދުމުގެ އުސޫލެއް. އެހެންވީމަ މިހާރުގެ ކުއްޖަކަށް ލިބޭ ރިޕޯޓް ކާޑަކީ ކޮންމެ ކުއްޖަކަށް ފަނަރަ ސޮފްހާގެ ފޮތެއް ނޫން. މި ކާޑުން ފެންނާނީ އެ ކުއްޖަކަށް ހާސިލްކުރެވުނު ވަރާއި، ދަށްވާ އޭރިއާތަކާއި އިތުރަށް ހާސިލްކުރަންޖެހޭ މިންވަރަކީ ކޮބައިކަމާ އެ މިންވަރު ހާސިލްކޮށްދޭން ކުރެވުނު މަސައްކަތްތައް. އަދި މިވެނި ދުވަހަކު ސްކޫލަށް ކުއްޖާ ހަޒިރުވިތޯއާ ނޫންތޯ ވެސް މި ޑޭޓާ ބޭސް އިސް ރިއަލްޓައިމްގަ ބަލާލެވޭނެ. އެހެންވީމަ މުޅި އަހަރުގެ ތެރޭގަ ޓީޗަރުން ގަވާއިދުން ކުދިންގެ މައުލޫމާތު އެސެސް ކުރަމުންދާއިރު އެ މައުލޫމާތު ދުވަހުން ދުވަހަށް އެންޓާ ކުރެވިގެން ޓާމް ނިމޭއިރު އަންނަ ރިޕޯޓް ކާޑަކީ ކުދިންނަށް ވަރަށް ފައިދާހުރި ކާޑަކަށް ވެގެންދާނެ،" މިނިސްޓަރު ޑރ އައިޝަތު ޝިހާމް މިއަދު ވިދާޅުވި އެވެ.
އީމިސްގެ ތެރެއިން މި ޓާމްގައި އެކުލަވާލާފައިވަނީ ހަމައެކަނި ގްރޭޑް 1-6 ގެ ކުދިންގެ ރިޕޯޓް ކާޑެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ގްރޭޑްތައް ވެސް މި ސިސްޓަމްގެ ދަށަށް އިތުރުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"މިއީ ވަރަށް ބޮޑު މަސައްކަތެއް، ވަރަށް ބައިވަރު ކުދިން މި ގްރޭޑްތަކުގައި މި ހިމެނެނީ. މިއީ ޓީޗަރުން ކޮންމެ ދުވަހަކު ކޮށްފައިވާ ބުރަ ބޮޑު މަސައްކަތެއްކަން ފާހަގަކޮށްލަން،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ 90 ޕަސެންޓް ސްކޫލްތަކުގަ 40،000 އަށްވުރެ ގިނަ ކުދިންގެ ރިޕޯޓް އޯޕަން އީމިސް އަށް ބިނާކޮށް މިޓާމްގައި އެކުލަވާލާފައިވާއިރު، މި މަސައްކަތް ކާމިޔާބުކޮށް ނިންމާލުމުގައި ގިނަ ގޮންޖެހުންތަކެއް މެދުވެރިވި ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. އެގޮތުން އޯޕަން އީމިސް އަކީ އޮންލައިން ވެބްސައިޓަކަށް ވާތީ ގިނަ އަދަދެއްގެ ޓީޗަރުން އެއްފަހަރާ ރިޕޯޓް ކާޑްގެ މަސައްކަތުގައި އުޅެންޖެހުމުން ވެބްސައިޓް ލޯޑް ނުވުން ފަދަ މައްސަލަ ދިމާވިކަން މިނިސްޓްރީން ފާހަގަ ކުރި އެވެ.