ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމުމަށްފަހު މެންބަރުންނަށް ދިން އެއް މަސް ދުވަހުގެ ޗުއްޓީ އިތުރު ދެ ހަފުތާއަށް ދިގުކޮށްފި އެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިއަދު އަވަސްއަށް ވިދާޅުވި ގޮތުގައި ދެން މަޖިލީހުގެ ޖަލްސާތައް ފަށާނީ ރޯދަ މަހާއި އީދަށްފަހު އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ދެވަނަ ދައުރު ފެށިގެން ދާނީ މި މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ކޮންމެ އަހަރަކު ތިން ދައުރު އޮންނައިރު ކޮންމެ ދައުރެއް ވެސް ފެށޭ ހަފުތާގެ ހޯމަ ނޫނީ ބުރާސްފަތި ދުވަހު ފުރަތަމަ ޖަލްސާ ބާއްވަން ޖެހެ އެވެ.
އެހެންކަމުން ގަވައިދުގައިވާ ގޮތުންނަމަ ދެވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ހޯމަ ދުވަހު ނުވަތަ މިއަދު ފަށަން ޖެހޭނެ އެވެ.
ފުރަތަމަ ދައުރު ނިންމުމަށްފަހު އޭޕްރީލް މަހުގެ 29 ވަނަ ދުވަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވިއިރު މި އަހަރު މިހާތަނަށް ބޭއްވުނީ 13 ޖަލްސާއެވެ. އެއީ ދައުރުން ބޭރުން ދެ ޖަލްސާއަކާއި ދައުރުގެ ތެރެއިން 11 ޖަލްސާއެކެވެ. ފުރަތަމަ ދައުރުގައި ވެސް ގަވައިދުން ޖަލްސާތައް ބާއްވާފައެއް ނުވެ އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އަހަރުގެ ފުރަތަމަ ދައުރު ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފަށަން ޖެހެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން 1 ފެބްރުއަރީގެ ނެރުނު އަމުރާ ގުޅިގެން އެ މަހު ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ޖަލްސާތައް ނުބާއްވަ އެވެ. އެއަށް ފަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވީ ފެބްރުއަރީ މަހު 19 ވަނަ ދުވަހުގަ އެވެ.
ފުރަތަމަ ދައުރުގައި މަޖިލީހުން ކުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި ސުވާލު އުފެދިފައިވާ 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހެދި އެންޓި ޑިފެކްޝަން ގާނޫނެއް ހަދައި ޖިނާއީ ކުށެއް ސާބިތުވާ ހިސާބުން ފަނޑިޔާރުކަން ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު ވެސް ވަނީ އިސްލާހު ގެނައުން ހިމެނެ އެވެ. އެންޓި ޑިފެކްޝަން އާއި ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހާ މެދު ސުވާލު އުފެދިފައިވާތީ އެކަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ދެ ބަދަލުވެސް ރަނގަޅު ކަމަށް ކަނޑައަޅާފަ އެވެ.
މި އަހަރުގެ ފުރަތަމަ ދައުރު ނިމުނުއިރު އިދިކޮޅު އެއްވެސް މެންބަރަކު އެއްވެސް ޖަލްސާއެއްގައި ބައިވެރިވަޑައި ނުގަންނަވަ އެވެ. މިދިޔަ އަހަރު ފަހު ދައުރުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު މަސީހުގެ ގޮނޑި ގެއްލުވާލި މައްސަލަ ބާތިލުވި ހިސާބުން ފެށިގެން އެ މެންބަރުން މަޖިލީހުގައި ކުރި އިހުތިޖާޖުތަކަށް ފަހު މަޖިލީސް ބޮއިކޮޓް ކުރި ފަހުން އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ. ތަޅުމުގައި ހިނގާ މަސައްކަތްތަކުގައި ބައިވެރިވެވަޑައި ނުގެންނެވި ނަމަވެސް އިދިކޮޅު މެންބަރުން ވެސް މަޖިލީހުގެ ކޮމިޓީތަކުގައި ގަވައިދުން ބައިވެރިވެވަޑައި ގަންނަވަ އެވެ.