ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގޮވާމުގެ ބާވަތްތަކުން ޒަކާތްދައްކަން ބޭނުންވާ ފަރާތްތަކަށް، މާދަމާއިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ ކައި އުޅޭ ގޮވާމުގެ ބާވަތަކުން މީހަކަށް 2.4 ކިލޯ ކަމަށެވެ.
މިނިސްޓްރީން ބުނީ މި ތިން ދުވަހު ޒަކާތް ބަލައިގަތުން އޮންނާނީ އަރަބިއްޔާ ސްކޫލް ހޯލުގައި ކަމަށާއި މި ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން 12:00 އަށް އަދި މެންދުރު 1:30 އިން 14:30 އަށް ޒަކާތް ބަލައިގަންނާނެ އެވެ. ރޭގަނޑު ޒަކާތް ބަލައިގަންނާނީ 20:30 އިން 22:30 އަށެވެ. މި މުއްދަތުގައި ޒަކާތަށް ލިބޭ ތަކެތި ހައްގުވެރިންނަށް ބަހަން ފަށާނީ ބުދަ ދުވަހު ކަމަަށް ވެސް މިނިސްޓްރީން މިއަދު ބުންޏެވެ.
ގޮވާމުން ޒަކާތް ދައްކަން ހުޅުވާލާފައިވާއިރު ފައިސާއިން ޒަކާތްދެއްކުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލާފަ އެވެ.