ހޮލީވުޑް

ޓެރެންޓީނޯގެ ފިލްމުގެ ކާސްޓަށް ޖޭމްސް މާސްޑެން

މަޝްހޫރު ޑައިރެކްޓަރު ކުއެންޓިން ޓެރެންޓީނޯ ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" ގެ ކާސްޓަށް ޖޭމްސް މާސްޑެން އިތުރުކޮށްފި އެވެ. މި ފިލްމުގެ ކާސްޓަށް ވަނީ މަޝްހޫރު ގިނަ ތަރިންތަކެއް ކުރިންވެސް ނަގާފަ އެވެ.

ޖޭމްސްއާއެކު މި ފިލްމުގެ ކާސްޓަށް "އެމެރިކަން ހައުސްވައިފް" އިން ފެނިގެންދިޔަ ބަތަލާ ޖޫލިއާ ބަޓާސް ވަނީ އިތުރުކޮށްފަ އެވެ. ޖޭމްސް، 44، އަކީ އެޗްބީއޯއިން ގެނެސްދެމުން އަންނަ ސީރީޒް "ވެސްޓްވޯލްޑް" ގައި ފެނިގެންދާ އެކްޓަރެކެވެ. ފިލްމުގައި މި ދެމީހުން ފެނިގެންދާނީ ކޮންކަހަލަ ރޯލަކުން ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން ކާސްޓަށް ނެގި ތަރިންގެ ތެރޭގައި ލިއޮނާޑޯ ޑިކެޕްރިއޯ، ބްރެޑް ޕިޓް، މާގޮޓް ރޮބީ އަދި އަލް ޕަޗީނޯ ހިމެނެ އެވެ.

ސޮނީ ޕިކްޗާޒް އަށް ޑިސްޓްރިބިއުޝަން ރައިޓްސް ލިބިފައިވާ މި ފިލްމަކީ 1969 ވަނަ އަހަރު ހިންގި ހޮލީވުޑް ކޮމިއުނިޓީއެއް ކަމަށްވާ މެންޝަން ފެމެލީ މާޑާ ކޭސް އާއި ގުޅުވައިގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނާނީ މޭންސަން ފެމެލީ މާޑާގެ ވިކްޓިމް ޝެރޮން ޓޭޓްއާއި ގުޅުވައިގެންނެވެ.

މޭންސަން ފެމެލީ މަޑާގައި ޝެރޮންގެ އިތުރުން ހަތަރު މީހަކު މަރާލާފައިވެ އެވެ. އެމީހުންގެ މަރާލުމުގައި އެންމެ އިސްކޮށް ހުރީ އެ ކޮމިއުނިޓީ އުފެެއްދުމުގައި އިސްކޮށް އުޅުނު ޗާލް މެންސަން ކިޔާ މީހެކެވެ.

މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ އޮގަސްޓް ނުވައެއް ގަ އެވެ. ޕްރޮޑިއުސްކުރާ ޓީމުގައި ހެރީ ޕޮޓާގެ ޕްރޮޑިއުސާ ޑޭވިޑް ހޭމަންއާއި، ޝެނޮން މިކިޓޯޝް، އަދި ޖޯޖިއާ ކަކެންޑެސް ހިމެނެ އެވެ.