ހޮލީވުޑް

ފުރަތަމަ "ބޮންޑް ގާލް"، ޔުނިސް މަރުވެއްޖެ

މަޝްހޫރު ފިލްމު ފްރެންޗައިޒް "ޖޭމްސް ބޮންޑު" ގެ ފިލްމެއްގައި އެންމެ ފުރަތަމަ ލީޑު ބަތަލާއެއްގެ ރޯލު ކުޅުނު ޔޫނިސް ގޭޒަންް މަރުވެއްޖެ އެވެ.

ފުރަތަމަ "ޖޭމްސް ބޮންޑް ގާލް" ގެ ނަމުން މަޝްހޫރުވެފައިވާ ޔޫނިސް މަރުވިއިރު އޭނާގެ އުމުރަކީ 90 އަހަރެވެ. ޔޫނިސްގެ އާއިލާއިން ހާމަކުރި ގޮތުގައި އޭނާ މަރުވީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. އޭނާގެ މަރާއި ގުޅޭ އިތުރު ތަފްސީލެއް އާއިލާއިން ހާމަކޮށްފައެއް ނުވެ އެވެ.

ޖޭމްސް ބޮންޑުގެ ފިލްމުތަކުގައި ސިލްވިއާ ޓްރެންޗުގެ ކެރެކްޓާއިން ފެނިގެންދިޔަ ޔޫނިސް ވަނީ އެ ފިލްމު ސީރީޒްގެ ދެ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ 1962 ގައި ނިކުތް "ޑރ. ނޯ" އާއި 1963 ގައި ނިކުތް "ފްރޮމް ރަޝިއާ ވިތު ލަވް" އެވެ. މި ފިލްމުތަކުގައި ބޮންޑުގެ ރޯލުން ފެނިގެންދިޔައީ ސޯން ކެނޮރީ އެވެ.

ޔޫނިސް އުފަންވީ 1928 ގަ އެވެ. އޭނާ މީހަކާ އިން ނަމަވެސް ގިނަ އަހަރުތަކެއް ނުވެ ވަނީ ވަރިވެފަ އެވެ. އެ ކައިވެންޏަށް އަންހެން ކުއްޖަކުވެސް ވަނީ ލިބިފަ އެވެ. ޖޭމްސް ބޮންޑުގެ ފިލްމު "ގޯލްޑެން އައި" އެނާގެ ދަރިފުޅު ވަނީ ކުޑަ ރޯލެއް ކުޅެފަ އެވެ. އެ ފިލްމު ނިކުތީ 1995 ގަ އެވެ.

ބޮންޑް ސީރީޒްގެ ދެ ޕްރޮޑިއުސަރުން ކަމަށްވާ މައިކަލް ގީ ވިލްސަން އަދި ބާބްރާ ބްރޮކޮލީ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔޫނިސް މަރުވި ހަބަރު ލިބުމާއެކު ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ. އެ ދެމީހުން ވަނީ ޔޫނިސްގެ އާއިލާއަށް ތައުރިޔާ ކިޔާފަ އެވެ.

މި ފްރެންޗައިޒްގެ ފިލްމުތަކުގެ އިތުރުން އޭނާ ވަނީ ކުރީގެ މަޝްހޫރު ބައެއް ޓީވީ ސީރީޒްތަކުގައިވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ދި ސެއިންޓް" އާއި "ދި އެވެންޖާސް" ހިމެނެ އެވެ. ބޮންޑުގެ ފިލްމުތައް ކުޅުމުގެ ކުރިން ފިލްމުތަކުގައި ކުދި ރޯލުތައްވެސް އޭނާ ކުޅެފައިވެ އެވެ.