ހަބަރު

ބްރިޖާ ގުޅޭ މަގުތައް ހަދަން ގައިދީން ނެރެފި

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް ދާ މަގުތައް ރަނގަޅު ފެންވަރުގައި ހެދުމަށް ފެށި މަސައްކަތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން ހުކުމް ތަންފީޒް ކުރަމުން އަންނަ ގައިދީން ނެރެފި އެވެ. މިއީ މާލޭގައި ކުރަމުންދާ މަސައްކަތެއްގައި ގައިދީން ބައިވެރި ކުރުވި ފުރަތަމަ ފަހަރެވެ.

ކަރެކްޝަން މީޑިއާ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ ގައިދީން ރީހެބިލިޓޭޓްކޮށް ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޕްރޮގްރާމެއް ފަށާފައިވާ ކަމަށާއި އެ ޕްރޮގްރާމުގެ ތެރެއިން މާލޭގައި ހިންގައި ތަފާތު މަސައްކަތްތަކުގައި އެ މީހުންގެ ބައިވެރިވުން ހިމަނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބްރިޖަށް ދާ މަގުތައް ހެދުމަށް ވެސް ބައެއް ގައިދީން ނެރެފައިވާ ކަމަށެވެ،

"އަޅުގަނޑޫމެން ވާނީ ދާދި ފަހުން ސްޓެލްކޯގެ މަސައްކަތެއްގައި ވެސް ގައިދީން ބައިވެރިކޮށްފައި، ބޭނުމަކީ އެ މީހުން ވެސް ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނުކުތުން، އެ މީހުންނަށް ޖަލުގައި ކުރާ މަސައްކަތަށްވުރެ ބޮޑު އުޖޫރައެއް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ގާތްގަނޑަކަށް ވިއްސަކަށް ގައިދީން މާލޭގެ މަގުތަކުގައި މަސައްކަތް ކުރަމުން އަންނަ އިރު އެ މީހުންގެ ބަލަހައްޓަން ކަރެކްޝަންގެ އޮފިސަރުން ވެސް ތިބެ އެވެ. އެ މީހުންނާއެކު ރިން ރޯޑުގެ މަސައްކަތުގައި ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުގެ މުއައްޒިފުން ވެސް ހަރަކާތްތެރިވެ އެވެ.

ބްރިޖާ ގުޅިގެން ހަދަން ނިންމާފައިވަނީ ބޮޑު ތަކުރުފާނު މަގުން ސަލްމާން ރަސްގެފާނު މިސްކިތާ ހިސާބުން ފެށިގެން ދެކުނު ފަރާތުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖާ ހަމައަށެވެ. އަދި ބުރިޖާ ގުޅިގެންދާ އެ މަގުތަކުގައި ތާރު އަޅަން ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން މިހާރު ވަނީ މަގުތައް ކޮނެ ނަރުދަމާގެ މަސައްކަތްތައް ވެސް ފަަށައިފަ އެވެ. އަދި އިރުމަތީ ފަރާރުން އާޓިފިޝަލް ބީޗު ކައިރީ ބޮޑު ބައެއް ތަޅާލައި ޕޭމަންޓު ވެސް ވަނީ ބަދަލުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ އަންނަ އޮގަސްޓު މަހު ބްރިޖު އަޅައި ނިމުމުގެ ކުރިން ރިން ރޯޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.