ހަބަރު

މައުމޫނާއި ދެ ފަނޑިޔާރުންނާ ދެކޮޅަށް މިރޭ ހެކި ބަސް ނަގަނީ

Jun 10, 2018

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތެއް ބޭއްވުމަށް ތައާވަލް ކޮށްފި އެވެ.

ރައީސް މައުމޫންގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ރައީސް މައުމޫން ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތެއް ކުރިމިނަލް ކޯޓުގައި ތައާވަލް ކޮށްފައިވާ ކަމަށް ފުލުހުން މިއަދު މެންދުރު ފަހު އަންގާފައިވާ ކަމަށެވެ. ޝަރީއަތް ތައާވަލް ކޮށްފައިވަނީ މިރޭ 9:15 އަށެވެ.

އެންމެ ފަހުން މި މައްސަލާގައި ތައާވަލްކުރި ޝަރީއަތް ވަނީ ފަހު ވަގުތު ކެންސަލް ކޮށްފަ އެވެ.

މި މައްސަލައިގެ ޝަރީއަތެއް އެންމެ ފަހުން ބާއްވާފައިވަނީ މެއި 30 ގައި އެވެ. އެ ޝަރީއަތުގައި ދެ ފަނޑިޔާރުންގެ ވަކީލުން ވަނީ މައްސަލައިން ތަނާޒުލްވެފަ އެވެ. އެ ބޭފުޅުންގެ ވަކީލުން ކޯޓް ރޫމުން ނިކުމެ ވަޑައިގެންނެވީ، ފުރަތަމަ ސިއްރު ހެކިވެރިޔާއާ ދައުލަތުން ސުވާލުކޮށް ނިންމުމުންނެވެ. އޭގެ ކުރިން ރޭގެ ޝަރީއަތުގައި މައުމޫންގެ ވަކީލުން ވެސް ވަނީ މައްސަލައިން ތަނާޒުލްވެފަ އެވެ.