ހަބަރު

"މަގު ހަދަން ނެރުނީ ނުރައްކާތެރި ގައިދީންނެއް ނޫން"

ބްރިޖަށް ދާ ރިންގް ރޯޑްގެ ބައެއް މަސައްކަތް ކުރަން ނެރެ ފައިވާނީ ނުރައްކާތެރި ގައިދީން ނޫން ކަމަށާއި ރައްޔިތުން ކަންބޮޑުވާން ޖެހޭ ވަރު ކަމެއް ހިނގިޔަ ނުދޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ރިންގް ރޯޑްގެ މަސައްކަތް ކުރަން ބޮޑުތަކުރުފާނު މަގުގައި އިއްޔެއިން ފެށިގެން ގައިދީން ހަރަކާތްތެރިވަމުންދެ އެވެ. އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކަރެކްޝަންގެ ތަރުޖަމާނު ސީނިއާ ޕްރިޒަން އޮފިސާ އަހުމަދު ލުގުމާން ވިދާޅުވީ މަސައްކަތް ކުރަން މާލެ ގެނެސްފައި ވާނީ ޖަލުތަކުގައި ތިބި އެންމެ "ބަސް އަހާ" މީހުން ބެލުމަށް ފަހު ކަމަށާއި އެ މީހުންނަކީ މިއަދު މުޖުތަމައުއަށް ދޫކޮށްލިޔަސް ނުރައްކަލެއް އޮތް ބައެއް ނޫން ކަމަށެވެ. އެހެންކަމުން އެކަމާ އާންމުން ކަންބޮޑުވާކަށް ނުޖެހޭނެ ކަމަށާއި އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

"މި މަސަައްކަތް ކުރުމަށް މާލެ ގެނެސްފައި ވާނީ ޖަލުތަކުގައި އުޅޭ އެންމެ ބަސް އަހާ އެންމެ ރަނގަޅު މީހުން، އެ މީހުންނަށް މަގުމައްޗައް ނެރެގެން ނުރައްކަލެއް ނޯންނާނެ ކަން ޔަގީން، އެވަރު ބަލަމުން ގެންދާނަން،" ލުގުމާން ވިދާޅުވި އެވެ.

ލުގުމާން ވިދާޅުވީ ގައިދީން ހަރަކާތްތެރިވަމުން ދާނީ ހަމައެކަނި މަސައްކަތް ކުރިޔަށް ދާ ސައިޓުތަކުގައި ކަމަށާއި އެހެން ދިމަ ދިމާއަކަށް އެ މީހުން ނުދާނެ، ނުވެސް ދެވޭނެ ކަމަށެވެ. އަދި އެ މީހުންގެ ބެލެހެއްޓުމަށް އެކަށީގެންވާ ވަރަށް ކަރެކްޝަންގެ އޮފިސަރުން ހަރަކާތްތެރިވާނެ ކަމަށާއި އެއްވެސް މީހަކަށް ޝައްކެއް ވިޔަސް ވަގުތުން ޖަލަށް ފޮނުވާލާނެ ކަމަށެވެ.

ގާތްގަނޑަކަށް ވިއްސަކަށް ގައިދީން މާލޭގެ މަގުތަކުގައި މަސައްކަތް ކުރަމުން އަންނަ އިރު އެ މީހުން މަސައްކަތް ނިމުމަށް ފަހު ގެންދާނީ ހުޅުމާލޭ ޖަލަށެވެ. ކަރެކްޝަންގެ ކޯޕަރޭޓް ސޮސައިޓީ އިން މީގެ ކުރިން ވަނީ ސްޓެލްކޯގެ މަސައްކަތަށް ވެސް ގައިދީން ފޮނުވައިފަ އެވެ.