ހުޅުމާލޭގައި ޖޮގިންއަށް ގޮސް އުޅުނު މީހެއްގެ ގައިގާ ބާރްސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ރޭ މަރުވި މީހާ ހޮސްޕިޓަލަށް ގެނައުމުން ވަގުތުން ފަރުވާ ދީފައިވާނެ ކަމަށް އެ ހޮސްޕިޓަލް ހިންގާ ކުންފުނި އާސަންދަ އިން ބުނެފި އެވެ.
އާސަންދައިން މިހެން ބުނީ އެކްސިޑެންޓުވި މީހާ ހޮސްޕިޓަލަށް ގެނައުމުން ފަރުވާ ދިނުން ލަސްވީ އޭނާ މެމޯ ނުހެއްދިގެން ކަމަށާއި މެމޯ ނުހައްދައި ފަރުވާ ނުދެވޭނެ ކަމަށް އެ ހޮސްޕިޓަލުން އެންގި ކަމަށް ބުނެ މަންޒަރު ދުށް މީހެއް ފޭސްބުކްގައި ލިޔެފައިވަނިކޮށެވެ. އެ މައްސަލާގައި ގިނަ ބައެއްގެ ފާޑު ކިޔުން ހުޅުމާލޭ ހޮސްޕިޓަލަށް އަމާޒުވެފައި ވަނިކޮށް އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޭ ޕޭޝަންޓު ހޮސްޕިޓަލަށް ގެނައި ވަގުތުން ފެށިގެން އެއްވެސް ލަސް ކުރުމަކާ ނުލައި ފަރުވާ ދޭން ފަށާފައިވާ ކަމަށާއި މެމޯ ނުހެއްދިގެން ފަރުވާ ނުދީ ލަސް ކުރާ ވާހަކައަކީ ހަގީގަތާ ހިލާފް ވާހައެއް ކަމަށެވެ.
ޕޭޝަންޓުގެ ހާލު ސީރިޔަސް ކަމުން އޭޑީކޭގައި ނިއުރާސާޖަންއެއް ހުރުމާއެކު ޕޭޝަންޓުގެ ޒާތީ މައުލޫމާތުތައް އެކަށީގެންވާ ލިބުމުގެ ކުރިން ވެސް އެ ހޮސްޕިޓަލާ ހަވާލު ކުރާ ގޮތަށް ހަމަޖައްސާދީފައިވާނެ ކަމަށާއި އާއިލާއިން އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ ސީއެމްބިއުލަންސް ފަޅު ތެރޭގައި ތައްޔާރަށް އޮއްވާ ކަމަށެވެ. އަދި އޭނާ ޓްރީ ޓޮޕަށް ބަދަލު ކުރުމަށް އާއިލާގެ ފަރާތުން އެ ހޮސްޕިޓަލަށް ގުޅައި ހަމަޖެއްސުމަށް 15 ވަރަކަށް މިނެޓު ދިޔަ ކަމަށާއި އެއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލުން ޓްރީ ޓޮޕްއާ އެ ޕޭޝަންޓު ހަވާލުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"...ވީމާ މިފަދަ ނާޒުކު ކަންކަމުގައި އާއިލާއަށް ހިތްދަތި ފަދަ ދަނޑިވަޅެއްގައި އާންމުގެ ހިތްތަކުގައި ކަންބޮޑުވުމާއި ނަފްތަރު އުފެދޭނެހެން ހަގީގަތް ނުބަލައި މައުލޫމާތު ނުފެތުރުމަށް އެންމެހާ ބޭފުޅުންނަށް އަޅުގަނޑުމެން އިލްތިމާސް ކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ރޭ 9:00 ހާއިރު ހުޅުމާލޭ އަމީން އެވެނިއުގައި ހިނގި އެކްސިޑެންޓު މަރުވީ ދަފްތަރު ނަމްބަރު 1159، މުހައްމަދު ސޮބާހު ހުސެއިން އެވެ. އުމުރުން 24 އަހަރުގެ ސޮބާހު މަރުވީ ސައިކަލުން ޖެހި އޭނާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ވެގެނެވެ.