ހަބަރު

ހުޅުމާލޭގައި މިރޭ ގިނަ އެކްސިޑެންޓްތަކެއް، 8 މީހަކަށް ފަރުވާދެނީ

މިރޭ ހުޅުމާލޭގައި ގިނަ އެކްސިޑެންޓަކެއް ހިނގައި އަށް މީހަކަށް ފަރުވާދެމުންދާ ކަމަށް އާސަންދަ ކުންފުނިން ހިންގާ ހުޅުމާލެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ، މިރޭ ހިނގި އެކްސިޑެންޓްތަކުގައި އަށް މީހަކަށް އަނިޔާވެގެން ފަރުވާދެމުން ގެންދާ ކަމަށެވެ. އެގޮތުން ބަމްބަރު މަތިން ސައިކަލް ކަހާލައިގެން ބޮލަށް އަނިޔާވި 22 އަހަރުގެ ޒުވާނަކަށް މިހާރުވެސް ފަރުވާދެމުން ގެންދާ ކަމަށެވެ. އަދި ސައިކަލް ކަހާލައިގެންވެސް 22 އަހަރުގެ ޒުވާނަކަށް ފަރުވާދެމުންދާ ކަމަށްވެސް އާސަންދައިން ބުންޏެވެ.

އޭގެ އިތުރުން އިތުރު ދެމީހަކަށްވެސް މިރޭ އެކްސިޑެންޓް ހިނގައިގެން ފަރުވާ ދީފައިވާ ކަމަށާއި އެދެމީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މިރޭ ސިނަމާލެ ބްރިޖުން މާލެއަށް އައުމަށްޓަކައި ހުޅުމާލެއިން އެއާޕޯޓަށް ދެވޭ މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ވޭނެއް ފުރޮޅާލައި އޭގައި ތިބި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާ ދެމުން ގެންދާ ކަމަށްވެސް އާސަންދައިން ބުންޏެވެ. ނަމަވެސް އެކަމާގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއްނުވެ އެވެ.