ހަބަރު

ޓެރަރިޒަމްގެ ގާނޫނު ހުއްޓުވައި އެންމެންނަށް މާފު ދޭނަން: ސުއޫދު

އިދިކޮޅުގެ ސަރުކާރެއްގައި ޓެރަރިޒަމްގެ ގާނޫނަށް އަމަލުކުރުން ހުއްޓާލާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމްގެ މާނަކުރުމުގެ ގާނޫނު ފާސްކޮށްފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައި މި ވެރިކަމުގަ އެވެ. އޭގެ ފަހުން އެ ގާނޫނުގެ ދަށުން ސިޔާސީ ގިނަ ބޭފުޅުންތަކަކަށް ދައުވާކޮށްފައިވެ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިމެނިވަޑައިގަންނަވަ އެވެ.

އަދި މިހާރު ވެސް ގިނަ ސިޔާސީ ބޭފުޅުންތަކަކަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ވަނީ އުފުލާފަ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ސީޕީ އަހުމަދު އަރީފާއި މަޖިލީހުގެ މެންބަރުން ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދާއި އަބްދުﷲ ޒިޔާޒު ހިމެނިވަޑައިގަންނަވަ އެވެ.

އެ ބޭފުޅުންނަށް ކުށް ސާބިތުވެއްޖެނަމަ 17 އަހަރާއި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އެކަމަށް އިޝާރަތް ކުރައްވާ މިއަދު ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ބޭފުޅުން އެދޭ ވެރިކަމެއްގެ ފުރަތަމަ ދުވަހު ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާކުރުން ހުއްޓާލާނެ ކަމަަށެވެ. އަދި ނުހައްގުން ޖަލަށްލާފައި ތިބި އެންމެންގެ ކުށް މާފުކޮށްދޭނެ ކަމަށެވެ.

"އެ ގާނޫނު ބޭނުން ކުރަނީ ސިޔާސީ ހަތިޔާރަކަށް، ގާނޫނުލް އުގޫބާތު އޮތުމުން ޓެރަރިޒަމްގެ ގާނޫނުގެ ބޭނުނެއް ނެތް،" ސުއޫދު ވިދާޅުވި އެވެ.

މީގެކުރިން ސުއޫދު ވަނީ ބޭނުންވާ ސަރުކާރެއް އަތުވެއްޖެނަމަ ސިއްރުން ހެކި ބަސް ނެގުން މަނާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. ސުއޫދު ކުރެއްވި ޓްވީޓެއްްގައި ވިދާޅުވެފައިވަނީ އިދިކޮޅުން އެދޭ ވެރިކަމެއްގައި ސިއްރު ހެކިން ބޭނުން ކުރުމާއި ޝަރީއަތް ސިއްރުކުރުން ގާނޫނުގައި މަނާ ކުރާނެ ކަމަށެވެ. މިހާރުގެ ސަރުކާރާއި ޖުޑީޝަލް ސާވިސް ކޮމިޝަންގައި މިހާރު ތިބި ސިޔާސީ މީހުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ހިންގާ ޖަރީމާތަކަށް ހައްގު އަދަބު ދޭނެ ކަމަށް ވެސް ސުއޫދު ވިދާޅުވެފައިވެ އެވެ.