ހަބަރު

ކުރީގެ ދެ ފުލުހަކަށް ވަކީލުން ހަމަޖައްސަން އަށް ދުވަސް

Jun 11, 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި އެސްއޯ ފުލުހުން ކަމަށްވާ އަލީ ރިޝްވާން އަހުމަދާއި ހަސަން ނަސީރަށް ވަކީލަކު އައްޔަން ކުރަން ކޯޓުން އަށް ދުވަސް ދީފި އެވެ.

އެ ދެ މީހުންގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް އުފުލާފައި ވެއެވެ. އެއީ ރަސްމީ ވާޖިބު އަދާ ކުރުމަށް އެކަށީގެންނުވާ އަމަލެއް ކުރުމާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ އިތުރުން އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ދައުވާ އެވެ.

މިއަދުގެ ޝަރީއަތުގައި އޮތީ ރިޝްވާނާއި ނަސީރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އިބްތިދާއީ އަޑުއެހުމެވެ. އެ ދެމީހުންގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ވަކި ވަކީންނެވެ. ވަކިވަކިން ޝަރީއަތް ކުރިއަށް ގެންދިޔަ ނަމަވެސް ދެމީހުނަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގައި ވަނީ އެއް ވާހަކަ ތަކެކެވެ.

ވަކިވަކިން ގެންދިޔަ ޝަރީއަތްތަކުގައި ދައުވާ އިއްވާފައިވަނީ ޕަބްލިކް ޕްރޮސެކިޓާ އަހުމަދު ނައުޝާދެވެ. އެގޮތުން ދައުވާގައިވަނީ، ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ބާރުގެ ބޭނުން ނަހަމަގޮތުގައިކޮށް ފުލުހުން އަމަލު ކުރަމުން އަންނަ އުސޫލުތަކާއި ހިލާފަށް އޮޕަރޭޝަން ތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަރީފް އެކިލަވާލި ޓީމްގައި ރިޝްވާނާއި ނަސީރު ހިމެނޭ ކަމަށެވެ.

ދައުވާގައި ވަނީ އެކެއް ފެބްރުއަރީގައި ފުލުހުންގެ އިތުރު ބަޔަކާއެކު ނިކުމެ، ރިޝްވާނާއި ނަސީރު ޑިއުޓީގައި ހުރެ، ފުލުހުން މުޒާހަރާާގެ ބައިވެރިން ޗައިނާ އެމްބަސީއާ ހަމައަށް ޖައްސައި މަގު ބަންދު ކުރުމަށް ބަހައްޓާފައިވާ ބެރިކޭޑްތަކުގައި އަތް އަޅައި ކޮއްޕާފައިވާ ކަމަށެވެ. އަދި ފުލުހުންނަށްވެ ތިބެ ގާނޫނުގައި ކުރަން އަންގާފައިނުވާ އަމަލެއް ކުރުމާއި އަމަން އަމާންކަން ނަގާލައި އިނގި ހުރެ ގާނޫނަށް ހުރަސް އަޅައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި އާންމު ތަންތަނުގައި ހުރެ ބިރު އުފެދޭ ގޮތަށް އަމަލުކޮށްފައިވާތީ އެދެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާ ތަކެއް ކަމަށެވެ.

ވަކީލް ނައުޝާދު ވަނީ އަންނާނެ އަދަބުވެސް ބަޔާންކޮށް ދެއްވާފަ އެވެ. އެގޮތުން ރަސްމީ ވާޖިބު އަދާ ކުރުމަށް އެކަށީގެންނުވާ އަމަލެއް ކުރުމާއި ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ތިން ދައުވާ އަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ އަމަލެއް ކަމަށާއި ކުށް ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ދައުވާ އަކީ ޖުނަހުގެ ހަތަރު ވަނަ ދަރަޖައިގެ އަމަލެއް ކަމަށާއި ކުށް ސާބިތުވެއްޖެ ނަމަ އެއް މަހާއި ހަދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ވަކިވަކިން ކުރިއަށް ގެންދިޔަ ޝަރީއަތުގައި ދެ މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިއްވާ ނިމުމުން ގާޒީ ވަނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ، ވަކީލަކު ބޭނުންތޯ ސުވާލުކޮށްފަ އެވެ. ރިޝްވާނާއި ނަސީރުވެސް ވަނީ ވަކީލަކާއެކު ކުރިއަށްދާން ބޭނުން ކަމަށް ބުނެފަ އެވެ. ގާޒީ ވަނީ އެދެމީހުންނަށް އަށް ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެގޮތުން މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު ދޭއްގެ ކުރިން ވަކީލެއް ހުށަހެޅުމަށެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ވަކީލަކާއެކު ހާޒިރު ނުވި ނަމަވެސް މައްސަލަ ކުރިއަށް ގެންދާނެ ކަމަށާއި ދައުލަތުން އުފުލާފައިވާ ދައުވާތަކަށް ޖަވާބުދާރީ ވެވޭ ގޮތަށް ކޯޓަށް ހާޒިރުވުމަށް ގާޒީ އެދިފައި ވެއެވެ.

ގާޒީ ވަނީ މި ދެމީހުންގެ ދައުވާތަކުގެ މައްސަލާގައި ދައުލަތުން ހެކި ފޮރުވުމުގެ އަމުރަކަށް އެދިފައިވާތީ، އެ ދެމީހުންގެ މައްސަލަތަކަށް ވަގުތީ ދެ އަމުރެއް ނެރެދެއްވާފަ އެވެ.

ރިޝްވާނާއި ނަސީރު ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. މި ދެމީހުންގެ އިތުރުން އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓާ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓާ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމް ހިމެނެ އެވެ. އޭގެ ތެރެއިން ގޭ ބަންދަށް ބަދަލު ކުރުމަށްފަހު އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓާ އޮފް ޕޮލިސް ސައިފު ހުސައިން އާއި ސްޓޭޝަން އިނިސްޕެކްޓާ ފާއިޒު މުހައްމަދު ވަނީ އަލުން ޖަލަށް ބަދަލުކޮށްފަ އެވެ.