ހޮލީވުޑް

"ލީގަލީ ބްލޮންޑް 3" ގެނެސްދެނީ

މަޝްހޫރު އެކްޓްރެސް ރީސް ވިދަސްޕޫން ލީޑުން ފެނިގެންދާ ފިލްމު ސީރީޒް "ލީގަލީ ބްލޮންޑް"ގެ ތިންވަނަ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ ވާހަކަ ދެކެވޭތާ ދުވަސްތަކެއްވެފައި ވަނިކޮށް، ރީސް މިހާރު ވަނީ މި ހަބަރު ކަށަވަރުކޮށްދީފަ އެވެ.

ރީސް، 42، މި ހަބަރު ކަށަވަރުކޮށްދިނީ އޭނާގެ އިންސްޓަގުރާމް އަދި ޓުވިޓާގައި ޝައިއުކުރި ވީޑިއޯ ޕޯސްޓެއްގަ އެވެ.

"ލީގަލީ ބްލޮންޑް" ގެ ފުރަތަމަ ފިލްމު ނުކުތީ 2001 ވަނަ އަހަރު އެވެ. ދެ ވަނަ ފިލްމު "ލީގަލީ ބްލޮންޑް 2: ރެޑް، ވައިޓް އެންޑް ބްލޮންޑް" ނުކުތީ 2003 ގަ އެވެ. ފުރަތަމަ ފިލްމަށް ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް ދެ ވަނަ ފިލްމު ވަނީ ނާކާމިޔާބުވެފަ އެވެ.

އެމްޖީއެމް ސްޓޫޑިއޯސް އިން ކުރި ޓުވީޓް.

ފުރަތަމަ ފިލްމުގެ ވާހަކަ ބިނާވެފައި އޮތީ ހައި ސުކޫލްގައި އުޅޭ ވަރަށް ސްޓައިލިޝް އަންހެން ކުއްޖަކު އޭނާ ލޯބީގެ ގޮތުން ގުޅެން ބޭނުންވާ ފިރިހެން ކުއްޖާ ނުލިބުމުން ދިމާވާ ކަންތައްތަކެއްގެ މައްޗަށެވެ. އެ ފިރިހެން ކުއްޖާ މި އަންހެން ކުއްޖާއަށް ރައްޓެހި ނުވަނީ އަންހެން ކުއްޖާގެ އިސްތަށިގަނޑު މާ ދޮންވީމަ އެވެ.

މި ފިލްމުގެ ގެނެސްދޭކަން އެމްޖީއެމް ސްޓޫޑިއޯސް އިން ކުރި ޓުވީޓެއްގައިވެސް ވަނީ ބުނެފަ އެވެ. އެ ޓުވީޓުގައި ވަނީ ފިލްމު ގެނެސްދޭ ތާރީހުވެސް ހާމަކޮށްފަ އެވެ. ފިލްމު ގެނެސްދޭނީ 2020 ވަނަ އަހަރު ލޯބިވެރިންގެ ދުވަހު އެވެ.

ރީސްގެ އަމިއްލަ ޕްރޮޑަކްޝަން ހެލޯ ޝަންޝައިންވެސް މި ފިލްމު ޕްރޮޑިއުސްކުރާނެ އެވެ.