ހަބަރު

ބްރިޖު ކައިރީ ރާޅާ އަޅާނަމަ ފިޔަވަޅު އަޅާނަން: ހައުސިން

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ކައިރީ ރާޅާއަޅާނަމަ އޮންނަ އުސޫލުތަކުގެ ތެރެއިން އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ބުނެ އަނެއްކާވެސް ހައުސިން މިނިސްޓްރީ އިން އިންޒާރު ދީފި އެވެ.

ލޮނުޒިޔާރާތް ކޮޅު ރާޅާއަޅައި ސަރަހައްދުގައި މޫދަށް އެރި އުޅުން މަނާކަމެއް ކަމަށް ނިންމައި ސާފަރުންނަށް މޫދަށް އެރި އުޅުން ހުއްޓުވީ މިދިޔަ އަހަރުގެ މާޗު މަހު ތިން ވަނަ ދުވަހުން ފެށިގެނެވެ. އެއަށް ފަހު ރާޅާއެޅުން އެއްކޮށް ހުއްޓިފައި އޮތުމަށް ފަހު އަނެއްކާވެސް މިހާރު ރާޅާ އަޅާ ފަރާތްތަކުން ކޮންމެ ހަވީރަކު އެތަނުގައި މޫދަށް އެރި އުޅެ އެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އުސްފަސްގަނޑާއި، ހެންވޭރު ޕާކުގެ ދެކުނުކޮޅުން ފެށިގެން ލޮނުޒިޔާރަތްމަގާއި ހަމަޔަށްވާ ސަރަހައްދު ވަގުތީ ސައިޓްގެ ގޮތުގައި ކޮންޓްރެކްޓަރަށް ދީފައިވާ ކަމަށާއި އެގޮތުން މާލޭ އިރުމަތީފަރާތު ކަނޑުތޮށިން ފެށިގެން ހުޅުލެއާއި ދެމެދު ކަނޑުގެ ސަރަޙައްދުގައި ބޮޑެތި ބޯޓު އަދި އެހެނިހެން ބަރު އާލާތްތައް ވެސް ބޭނުންކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ލޮނުޒިޔާރަތްކޮޅު ރާޅާއަޅާ ސަރަޙައްދުގެ މޫދަށް އެރި އުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި ނަމަވެސް މިހާރަކަށް އައިސް އަނެއްކާވެސް އެ ސަރަހައްދަށް މޫދަށް އަރާކަން ފާހަގަ ކުރެވިފައިވާ ކަމަށް ހައުސިން އިން ބުންޏެވެ.

ބްރިޖުގެ މަސައްކަތް ކުރިޔަށް ދާއިރު މޫދަށް އެރި އުޅުމަކީ ރައްކާތެރި ނޫން ކަމަށްވާތީ އެ ސަރަހައްދަށް މޫދަށް އެރި އުޅުމަކީ މަނާ ކަމެއް ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި މޫދަށް އެރި އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.